12 އަހަރަށްފަހު މެންޗަސްޓަރ ޔުނައިޓެޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައުމުން ކުރިންވެސް އޭނާ ކުލަބުގައި ބޭނުންކުރި 7 ނަމްބަރު ޖާޒީ ދީފިއެވެ.

ޕޯޗުގަލްގެ ސްޕޯޓިންގ ލިސްބަން އިން 2003 ވަނަ އަހަރު އެންމެފުރަތަމ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވިއިރުވެސް އޭނާ އަށް ދިނީ 7 ނަމްބަރު ޖާޒީއެވެ. މިފަހަރު އޭނާ އެކުލަބަށް އެތައް ދުވަހެއްފަހުން އައުމުންވެސް އޭނާގެ "އައިކަނިކް" 7 ނަމްބަރު ޖާޒީ ދޭން ނިންމާފައިވާކަން ޔުނައިޓެޑުންވެސް ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް މިފަހަރު ބަދަލުވިއިރު އެކުލަބުގެ 7 ނަމްބަރު ޖާޒީ ބޭނުންކުރަމުން އައީ އުރުގުއާއިގެ ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީއެވެ. އެހެންނަމަވެސް ރޮނާލްޑޯ އަށް 7 ނަމްބަރު ދިނުމަށްފަހު ދެން ކަވާނީ ބޭނުންކުރާނީ 21 ނަމްބަރު ޖާޒީއެވެ.

ޔުނައިޓެޑުގެ ހަތް ނަންބަރު ޖާޒީ އަލުން ލިބުމާއެކު ރޮނާލްޑޯ ބުނީ ހަތް ނަންބަރު ޖާޒީ ލިބޭނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. އެކަމަކު ކަވާނީ އެހެން ނަންބަރަކަށް ކުޅެން އެއްބަސްވެ، އޭނާގެ ހަތް ނަންބަރު ޖާޒީ އަލުން ދިނުމުން އެކަމަށް ޝުކުރުއަދާކުރާ ކަމަށްވެސް ބުންޏެވެ.

ރޮނާލްޑޯ އަށް 7 ނަމްބަރު ޖާޒީ ދީފައިވާކަން ހާމަކޮށް ޔުނައިޓެޑުގެ ރަސްމީ މީސްމީޑިއާ އެކައުންޓުތަކުގައި ބުނެފައިވަނީ 7 ނަންބަރު ޖާޒީއަކީ ކުލަބުގެ ތާރީހުގައިވެސް ހާއްސަ ޖާޒީއެއް ކަމަށާއި އެކުލަބުގެ ލެޖެންޑް ޑޭވިޑް ބެކަމް އަށްފަހު 7 ނަމްބަރު ޖާޒީލައިގެން ތަފާތުދެއްކި ކުޅުންތެރިޔާއަށް މި ޖާޒީ އަލުންދޭން ޔުނައިޓެޑުން ނިންމާފައިވާ ކަމަށެވެ.

ފުޓުބޯޅައިގެ ފަހުގެ ތާރީހުގައި ރޮނާލްޑޯ އަށް ހާއްސަ ނަމްބަރެއްގެ ގޮތުގައި 7 ނަމްބަރު ޖާޒީ ފާހަގަކުރާއިރު އޭނާ 7 ނަމްބަރު ޖާޒީގައި ޔުނައިޓެޑަށް އެންމެ ފުރަތަމަ ބަދަލުވީ އޭރުގެ ރެކޯޑް ޓްރާންސްފަރ ފީއެއްގައެވެ.

ޒަމާން ތަކަކަށްފަހު އެނބުރި ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުނީ 12.8 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައި ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ރޮނާލްޑޯ ވަނީ އޭނާ އެންމެފުރަތަމަ ޔުނައިޓެޑާއެކު ހޭދަކުރި 6 ސީޒަނުގެ ތެރޭގައި 292 މެޗު ކުޅެދީ 118 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އެކުލަބާއެކު 9 ޓްރޮފީއެއް ކާމިޔާބުކޮށްފައެވެ.