އެސްޓީއޯ އިން 75 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާ (އައިޓީއެފްސީ)އާއެކު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރީ އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

އެސްޓީއޯއިން މިފެސިލިޓީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހާނީ ސާލެމް އެވެ.

އެސްޓީއޯއަށް ދޫކުރި ފައިނޭންސް ފެސިލިޓީ އަކީ ރާއްޖޭގެ އިގްތިސޯދު ދިރުވުމަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށް އައިއެސްޑީބީން ބުނެއެވެ.