ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާ އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ބޮޑުވަޒީރު ސޫގާ އިސްތިއުފާ ދެއްވާކަން ހާމަކުރެއްވީ، ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީއަށް ފޮނުއްވި ސިޓީއެއްގައެވެ.
ސިޓީގައި ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާ ވިދާޅުވެފައިވަނީ، މިމަހު ބާއްވާ ޕާޓީގެ ލީޑަރޝިޕް އިންތިޚާބުގައި، ޕާޓީގެ ލީޑަރަކަށް ވާދަކުރައްވަން ގަސްތު ނުކުރައްވާ ކަމަށެވެ.
ޖަޕާނުގެ ވެރިކަމުގެ ނިޒާމު އޮންނަގޮތުން، ގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނަވާނީ އެއިރަކު ވެރިކަންކުރާ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކެވެ.
ޕާޓީގެ ލީޑަރުކަމަށް އަލުން ވާދަ ނުކުރައްވާން ސޫގާ ނިންމެވުމުން، މިމަހު ބާއްވާ އެލްޑީޕީ އިންތިޚާބަށްފަހު ޖަޕާނުގެ ބޮޑުވަޒީރު ކަމަށް އައު ބޭފުޅަކު ވަޑައިގަންނަވާނެއެވެ.
ނަމަވެސް، ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ ސީދާ ކޮން ބޭފުޅެއްކަމަށް ބުނެވޭވަރުގެ ފާހަގަކޮށްލެވޭ ބޭފުޅަކު ކުރީ ސަފުން ނުފެންނަ ކަމަށް މީޑިއާއިން ބުނެއެވެ.
އަނެއްކޮޅުން ޖަޕާނުގައި މިއަހަރުގެ ފަހުކޮޅު އާންމު އިންތިޚާބު ބޭއްވުމަށްވެސް އޮތީ ތާވަލްކޮށްފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާ އިސްތިއުފާ ދެއްވަން މި ނިންމެވީ، މިދިޔަ އަހަރުގެ އަހަރުގެ ސެޕްޓެމްބަރުމަހު މަގާމާ ހަވާލުވެވަޑައި ގެންނެވުމަށްފަހުއެވެ.
ވެރިކަމުގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވި އިރު، ސޫގާ ވެވަޑައިގެންނެވީ އާންމުންގެ މަގްބޫލްކަން ކުޑަ ބޮޑުވަޒީރަކަށެވެ.
ބޮޑުވަޒީރުގެ މަގްބޫލްކަން ކުޑަވެގެންދިޔައީ ކޮވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ދޯދިޔާވުމުގެ ނަތީޖާއެއްގެ ގޮތުން ޖަޕާނުގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިގްތިސާދަށްވެސް ހީނަރުކަން އައުމުގެ ސަބަބުންނެވެ.
ބޮޑުވަޒީރު ސޫގާ ވެރިކަމަށް ވަޑައިގެންނެވީ އިގްތިސާދު ނަގަހައްޓައި، ކޮވިޑާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ވައުދާއެކުއެވެ.
ނަމަވެސް، ވެރިކަމަށް ވަޑައިގެން ވިޔަފާރިތަކަށް މަޑުޖެހުމެއް ނުގެންނަވައެވެ.
ކޮވިޑް ކޭސްތައް މައްޗަށް ދިޔައިރުވެސް "ގޯޓު ޓްރެވަލް" ގެ ނަމުގައި އޭނާ ފެށްޓެވި، ޖަޕާނުގެ ރައްޔިތުން އެތޭރެގެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކުރުމުގެ ކެމްޕެއިނަށްވެސް މަޑުޖެހުމެއް ނުގެންނަވައެވެ.
މަޖުބޫރުވެވަޑައިގެން ބޮޑުވަޒީރު ސޫގާ، އެތެރޭގެ ދަތުރުފަތުރު ކުރުމުގެ ކެމްޕެއިން ހުއްޓާލެއްވީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ބަލިބޮޑުވެ ސަރުކާރުން ފަހުންވަނީ ވެރިރަށް ޓޯކިޔޯއާއި ޖަޕާނުގެ އެހެން ރަށްތައްވެސް ލޮކްޑައުންކޮށްފައެވެ.