ރިޝީ ކަޕޫރްގެ އެންމެ ފަހު ފިލްމް "ޝަރްމާޖީ ނަމްކީން" ގެ ޕޯސްޓަރ ދައްކާލައިފިއެވެ.

ރިޝީ ކަޕޫރުގެ އުފަން ދުވަހަށް ޚާއްޞަކޮށް އޭނަގެ އަންހެން ދަރިފުޅު ރިދިމާ ކަޕޫރުގެ އިންސްޓަގްރާމް ޕޯސްޓެއްގައި ޝަރްމާޖީ ނަމްކީންގެ ޕޯސްޓަރ ވަނީ ދައްކާލާފައެވެ.

ރިޝީ ކަޕޫރުގެ އުފަން ދުވަހަކީ 4 ސެޕްޓެމްބަރެވެ. ރިޝީ އުފަންވީ 4 ސެޕްޓެމްބަރ 1952 އެވެ.

އިންޑިޔާ ސިނަމާއަށް އަގުހުރި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދީ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ރިޝީގެ އަގުހުރި އެންމެ ފަހުގެ މަސައްކަތް ރިޝީދެކެ ލޯބިވާ ފޭނުންނަށް ދައްކާލީ ކަމަށް ރިދިމާ ބުނެފައި ވެއެވެ.

ހިތޭޝް ބާޓިއާ ޑައިރެކްޓްކުރާ މިފިލްމްގެ ކާސްޓުންގެ ގޮތުގައި ރިޝީ ކަޕޫރުގެ އިތުރުން ޖޫހީ ޗާވްލާ ޕަރެޝް ރަވަލްވެސް ފެނިގެންދާނެއެވެ.

ޝަރްމްޖީ ނަމްކީންގެ މަސައްކަތް ރިޝީ ކުރަމުން ގެންދިޔައިރުވެސް އޭނާ ދިޔައީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ.

ބަލި އެނދުގައި އޮށޯންނަން ޖެހުނުއިރު ފިލްމްގެ ބޮޑުބައެއް ވަނީ ނިންމާފަކަމަށް އޭނަގެ ކޯ ސްޓާރއެއްގެ ގޮތުގައި ފިލްމުން ފެނިގެންދާ ޖޫހީ ޗާވްލާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ނުނިމިހުރި ބައިގައި ފެނިގެންދާނީ ޕަރޭޝް ރާވަލް ކަމުގައިވެސް ޖޫހީ ވަނީ ބުނެފައެވެ. މިކަން ފިލްމްގެ ޕޯސްޓަރުންވެސް ފެނެއެވެ.

ފިލްމް ރިލީޒްކުރާނެ ކަމަށް ކުރިން ތާވަލްކޮށްފައި އޮތީ މިއަދެވެ. އެހެންނަމަވެސް އަދި ފެނުނީ ފިލްމްގެ ޕޯސްޓަރެވެ.

2 އަހަރު ވަންދެން ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންގޮސް ރިޝީ ކަޕޫރު މަރުވީ 30 އޭޕްރިލް 2020 ގައެވެ.