ގްރޭޑް އެކެއްގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓް ކުރިއިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައި އޮތް މައްސަލައެއް ފާހަގަކުރެވި އެކަން ހައްލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދެ ސޫރަތެއްގެ އާޔަރްތައް އެކުވެފައިވާ ސަފްހާ ބަދަލުކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މިހާރު މަސައްކަތް ފަށާފަވާ ކަމަށެވެ.

އަދި މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލުކުރުމަށް އަމަލު ކުރަންޖޭހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް، ސްކޫލްތަށް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުން ގެންދާނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓީރީން ބުނެފައި ވެއެވެ.

އަދި މިމައްސަލަ ދިމާވި ސަބަބު ދެނެގަތުމަށްވެސް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައި ވެއެވެ.

މައްސަލަ ޖެހުނު ފޮތްތަކަކީ ޕްރިންޓްކުރުމުގެ ކުރިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނާއި، މިނިސްޓަރީ އޮފް އިސްލާމިކް އެފެރޒުން ޗެކުކޮށްފައިވާ ފޮތްތަކެއްކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

ގްރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64 ވަނަ ސަފްހާގައި އޮތް ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދުތެރެއިން ފެށިގެން 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14 ވަނަ އާޔަތާ ހަމައަށެވެ.