ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަންއާ ގުޅިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ އައު ވެބް ސީރީޒް "ގިރިދަ" މި މަހުގެ ހަތްވަނަ ދުވަހު ޕްރިމިއާ ކުރަން ނިންމައިފިއެވެ.

މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ގުޅިގެން ގެނެސްދޭ މިސީރީޒްއަކީ ހެއްވާ މަޖާ އެތައް ކަމެއް ހިމެނޭ ބިރުވެރި ކޮމެޑީ ވެބް ސީރީޒެކެވެ. މިއީ 15 އެޕިސޯޑްގެ މައްޗަށް ހަދާފައިވާ ސީރީޒެކެވެ.

"ގިރިދަ"ގެ މާނައަކީ ތާކުން ތާކު ނުޖެހޭ ވާހަކައެވެ.

ޔޫއްޕެގެ އަމިއްލަ ސްކްރީން ޕްލޭއަކަށް ތައްޔާރުކޮށްފައިވާ މިވެބް ސީރީޒްގެ އޮފިޝަލް ޓްރެއިލާވެސް މިހާރު ވަނީ އާންމުންނަށް ދައްކާލާފައެވެ.

ޓްރެއިލާއިން ހެއްވާ މަޖާ އެތައް ކަމެއް ފެނިގެން ދެއެވެ. އެގޮތުން ފިލްމު ކުޅެން ޝައުގުވެރިކަން ހުރި ބައެއްގެ ތެރޭގައި ހިނގާ ތަފާތު ކަންކަން ފެނިގެންދެއެވެ.

މީޑިއާނެޓްގެ މަލްޓި ސްކްރީން މެދުވެރިކޮށް ގެނެސްދޭން ނިންމާފައިވާ މިވެބް ސީރީޒްގައި ގިނަ ތަރިންތަކެއް ފެނިގެން ދާނެއެވެ.

އެގޮތުން އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮންޔަ) އާއި އަހުމަދު ޒިޔާ އަދި ފާތިމަތު ނޫރާ ފެނިގެންދާނެއެވެ. މީގެއިތުރުން ވަރަށް ގިނަ އައު ތަރިންވެސް މި ވެބް ސީރީޒުން ފިލްމީ ދާއިރާއަށް ތަޢާރަފްވެގެންދާނެކަމަށް ފިލްމްގެ ޕްރޮޑިއުސަރ ބުނެއެވެ.