ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ބީޗް ރިސޯޓުގެ ސަބްލީސް އެއްބަސްވުމާ ގުޅޭގޮތުން ސިވިލް ކޯޓުން ހުކުމް އިއްވި ގާޒީ އަލީ ނަސީރުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާފައިވަނީ އެމައްސަލާގައި ދައުވާކުރި ސޭވް ދަ ޑްރީމް ފްރާންސްގެ ވަކީލެއްގޮތުގައި މަސައްކަތްކުރެއްވި ކުރީގެ ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް އަބްދުއްސައްތާރެވެ.

ސިވިލް ކޯޓުގައި މިމައްސަލަ ކުރިއަށްދިޔައީ ރިހިވެލި ރިސޯޓްގެ ވެރިފަރާތް ކަމަށްވާ މާހަލް ޓުއާސް އާއި، އެރިސޯޓް ހިންގަމުންދިޔަ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ސޭވް ދަ ޑްރީމް ފްރާންސްއާ ދެމެދުއެވެ.

ރިހިވެލި ރިސޯޓް، ސޭވް ދަ ޑްރީމް ކުންފުނިން ހިންގަމުން ދިޔައީ ސަބްލީސް އެއްބަސްވުމެއްގެ ދަށުންނެވެ.

އެހެންނަމަވެސް، އެއެއްބަސްވުން އުވާލުމަށް މާހަލްއިން ނޯޓިސް ފޮނުވާފައިވާއިރު، ނޯޓިސް ފޮނުވި މައްސަލަ ކޯޓުގައި މިހާރުވެސް އެބަ ކުރިއަށްދެއެވެ.

އެ ރިސޯޓްގައި ސޭވް ދަ ޑްރީމްގެ މުވައްޒަފުން އަދިވެސް ތިބިއިރު، މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ސޭވް ދަ ޑްރީމްގެ ފަރާތުން ރިހިވެލި ރިސޯޓްގެ ސަބްލީސް އެއްބަސްވުން ދަމަހައްޓައިދޭން ކުރި ދައުވާއާ ގުޅޭ މައްސަލާގައެވެ.

ގާޒީ އަލީ ނަސީރު ކަނޑައަޅުއްވާފައިވަނީ މާހަލް ކުންފުނިން އެއްބަސްވުން ބާތިލް ކުރުމަށް ފޮނުވާފައިވާ ނޯޓިހައަކީ ސައްހަ ނޯޓިހެއް ކަމަށާއި އެހެންވެ އެއްބަސްވުން ބާތިލްވެފައިވާތީ, މާހަލް ކުންފުނީގެ ނުރުހުމުގައި ސޭވް ދަ ޑްރީމް ކުންފުނިން އެތަނުގައި ތިބެ މަންފާ ހޯދުމަކީ އޮތް ހައްގެއް ނޫންކަމަށެވެ.

ނާޒިމް އަބްދުއްސައްތާރުގެ ލޯ ފަރމްއިން މިއަދު ނެރުނު ބަޔާނުގައިވަނީ، މައްސަލާގައި ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހުގެ 15:50 ހާއިރު ކަމަށާއި، ރިހިވެލި ރިސޯޓަށް މާހަލް ޓުއާސްއިން އެރިއިރު ގަޑިން 16:15 ކަމަށެވެ. އަދި ލޯންޗެއްގައި މާލެއިން ފުރައިގެން ރިހިވެލި ރިސޯޓަށް ދެވޭނީ ކަނޑުމަޑު ދުވަހެއްނަމަ 45 މިނެޓުން ކަމަށެވެ.

އެދުވަހު 16:15 ގައި ރިހިވެލި ރިސޯޓަށް އެރި މީހުންގެ އަތުގައި އޮތް މާހަލް ޓުއާސްގެ ސިޓީގައި ގަޑިއަކަށް ޖަހާފައި އޮތީ 16:05 ކަމަށާއި އެހެންކަމުން ހުކުމް ކުރުމާއި ރިހިވެލި ރިސޯޓަށް އެރިމީހުން އެރި ގަޑިއާއި ދެމެދު 45 މިނެޓް ނުވާކަން އެނގޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން އެ ގަޒިއްޔާގައި ކުރަން އޮތް ހުކުމެއް، ދައުވާ ލިބޭ ފަރާތަށް އެނގިފައިއޮތީ ގާޒީ އަލީ ނަސީރުގެ އިހުމާލުން ކަމުގައިވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދެއްވުމަށް ނާޒިމް އަބްދުއްސައްތާރުގެ މުވައްކިލް އެދޭކަމަށްވެސް ބަޔާނުގައިވެއެވެ.