ބޭރުން ފޮނުވާ އިންސާނީ އެހީ އެތެރެކުރުމަށް ކާބުލް އެއަރޕޯޓު އަލުން ހުޅުވައިފިއެވެ.

އެއަރޕޯޓު ހުޅުވިކަން ކަށަވަރު ކޮށްދެއްވާފައިވަނީ ގަތަރުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރެވެ.

އެއަރޕޯޓު ހުޅުވުމުގެ ކުރިން، ގަތަރުގެ މަތިންދާ ބޯޓެއްގައިދިޔަ ޓެކްނިކަން ޓީމަކުންވަނީ އެއަޕޯޓުގައި ހުރި މައްސަލަތައް ރަނގަޅު ކޮށްފައެވެ.

އެގޮތުން، އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެއަރޕޯޓުގެ ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތްވެސް ކޮށްފައި ވެއެވެ.

ބޭރުން ފޮނުވާ އެހީގެ ތަކެތި އެތެރެކުރުމަށް ކާބުލް އެއަރޕޯޓު އަލުން ހުޅުވިއިރު، އެއަރޕޯޓު ހުޅުވުމާއެކު އެތެރޭގެ އުދުހުންތައްވެސް ވަނީ ފެށިފައެވެ.

އެގޮތުން، ކާބުލް އެއަރޕޯޓުން ފުރައިގެން އެތެރޭގެ އުދުހުންތަކުގެ ދެ މަތިންދާ ބޯޓުވަނީ މަޒާރޭ ޝަރީފަށާއި، ކަންދަހާރަށްވެސް ގޮސްފައެވެ.

އދއިން މިހާރު ތައްޔާރު ވަމުންދަނީ އަފްޣާނިސްތާނުގައި އިންސާނީ އެހީގެ މަސައްކަތް ފަށައިގަތުމަށެވެ.

އދގެ މަސައްކަތަށް އެހީތެރިވުމަށް އެމެރިކާއިން ނިންމާފައިވާއިރު، އެމެރިކާއިންދޭ އެއްވެސް ފައިސާއެއް ތާލިބާނުން ހިންގާ ސަރުކާރަކަށް ނުލިބޭނޭކަން ކަށަވަރު ކުރާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ބާއްވާ މަތީ ފެންވަރުގެ ކޮންފަރެންސަކަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިހާރުވަނީ ޖެނީވާއަށް ވަޑައިގެންފައެވެ.

ތާލިބާން ޖަމާއަތުން މުޅި އަފްޣާނިސްތާނު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް މިދިޔަމަހު ގެންދިޔައިރު، އަފްޣާނިސްތާނުގެ ޖީޑީޕީގެ ސާޅީސް އިންސައްތަ ކުރިންވެސް ބަރޯވަމުންދިޔައީ ބޭރުން ލިބޭ އެހީއަށެވެ.

ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިޔަނަމަވެސް، އަދި ސަރުކާރެއް އެކުލަވާލާފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ތާލިބާނުން މިހާރުވަނީ ސަރުކާރު އިއުލާން ކުރަން ތައްޔާރުވެފައެވެ.

އަފްޣާނިސްތާނުގައި ތާލިބާނުންގެ ކޮންޓްރޯލް ނެތް ހަމައެކަނި ރަށަކީ، ޕަންޖްޝީރް ވާދީއެވެ. އެ ވާދީ ހިފުމަށް ތާލިބާނުން މިހާރު ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެހެން ނަމަވެސް، ރައްދު ހަމަލާތައް ވަރުގަދަކަމުން ކުރިއެރުމެއް ނުލިބޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.