ޝަރުއީ ދާއިރާގެ ފަރާތުން "ޖުޑީޝަރީ ބްލަޑް ޕްރޮގްރާމް"ގެ ނަމުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ތެލެސީމިއާ ސެންޓަރާއި ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން "ވީނިއުސް" އަށް ބުނީ މި ޕްރޮގްރާމަކީ އެ ޑިޕާޓްމެންޓުން އިސްނަގައިގެން މާލޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ލޭ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް އެ ޑިޕާޓްމެންޓުން ބުނީ، މި ޕްރޮގްރާމްގެ މަގްސަދަކީ ލޭ ލިބުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބި، އެބޭފުޅުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ޕްރޮގްރާމްގައި 15 އަށް ވުރެ ގިނަ ބޭފުޅުން ލޭ ހަދިޔާކޮށްފައިވެއެވެ. އަދި ކޮންމެ ތިންމަސް ދުވަހުން މި ޕްރޮގްރާމް ބޭއްވުމަށް ނިންމާފައިވާކަމަށް އެ ޑިޕާޓްމެންޓުން މައުލޫމާތު ދެއެވެ.
އަދި ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމް ފުޅާކޮށް ގިނަ އަދަދެއްގެ ބޭފުޅުންނާއެކު ކުރިއަށްގެންދިއުމަށް ވިސްނާފައިވާކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.