މިދިޔަ އަހަރު ރިލީޒްކުރި ދިލްބޭޗާރާއިން އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ސަންޖަނާ ސާންގީ އުފަން ދުވަސް ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ވަނީ ރާއްޖެ އައިސްފައެވެ.

މިމަހުގެ ދެވަނަ ދުވަހު އޭނާގެ 25 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވަނީ ރާއްޖޭގެ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައެވެ.

ސަންޖަނާ ވަނީ ރިސޯޓުގައި އޭނަ ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

އެކްޓަރ ސުޝާންތް ސިންގ ރާޖްޕުތް އާއިއެކު ސަންޖަނާ ކުޅުނު "ދިލް ބޭޗާރާ" އަކީ ހޮލީވުޑްގެ 2014 ގެ މަޝްހޫރު ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމޭކެކެވެ. އެ ފިލްމު މިދިޔަ އަހަރު ގެނެސްދިނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ. އަދި މިއީ ސުޝާންތްގެ މަރަށްފަހު ބެލުންތެރިންނަށް ފެނިގެންދިޔަ އޭނާގެ ފަހު ފިލްމެވެ.

ސަންޖަނާގެ ކުރިއަށް އޮތް ފިލްމަކީ އަދިތިޔާ ރޯއި ކަޕޫރާ އެކު ކުޅެފައިވާ އެކްޝަން ފިލްމު "އޯމް: ދަ ބެޓްލް ވިތިން" އެވެ. އޭނާ ބޮލީވުޑަށް ނުކުތީ ރަންބީރް ކަޕޫރްގެ 2011 ގެ "ރޮކްސްޓާ" ގެ ސަޕޯޓިން ރޯލެކެވެ. އަދި އޭގެ ފަހުން އިރުފާން ޚާންގެ 2017 ގެ "ހިންދީ މީޑިއަމް" ގެ ރޯލެއް ވެސް ސަންޖަނާ ކުޅުނެވެ.

ސަންޖާނާ އުފަން ދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައިވާއިރު ބޮލީވުޑްގެ ގިނަ ތަރިންތަކެއް އުފަންދުވަސް ފާހަގަކުރުމަށް އިޚްތިޔާރުކުރާ މަންޒިލަކީ ރާއްޖެކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ސައިފް އަލީޚާން އަދި ގޯހަރު ޚާން ހިމެނެއެވެ.