2019 ވަނަ އަހަރު ލަތާ މަންގޭޝްކަރްގެ މަޝްހޫރު ލަވަ "އެކް ޕިޔާރުކަ ނަގްމާ ހޭ" ކިޔައިގެން މަޝްހޫރުކަން ހޯދި އިންޑިއާގެ ވެސްޓް ބެންގާލަށް އުފަން ރާނޫ މޮންޑާލްގެ ބަޔޯޕިކް އަންނަ އަހަރު ރިލީޒްކުރަން ނިންމައިފިއެވެ.

ރެއިލްވޭ ސްޓޭޝަނެއްގައި ހުރެ ރާނޫ ލަވަ ކިޔާފައިވާ މި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވީޑިއޯއަށް ވަނީ ލިބިފައެވެ. އަދި ބައެއް މަޝްހޫރު މިޔުޒިޝަނުންގެ ސަމާލުކަމަށްވެސް މި ވީޑިއޯ ވަނީ އައިސްފައެވެ.

މިގޮތުން މި ވީޑިއޯ ފެނި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިޔުޒިކް ކޮމްޕޯސަރ ހިމޭޝް ރޭޝްމިޔާ ވަނީ ރާނޫއަށް ލަވަކިޔުމުގެ ޗާންސެއް ދީފައެވެ.

އޭގެ ފަހުން ރާނޫއަށްވަނީ އިންޑިޔާގެ ތަފާތު އެކި ޕްލެޓްފޯރމްތަކުންނާއި ރިއަލިޓީ ޝޯތަކުގައި ލަވަކިޔުމުގެ ފުރުޞަތު ލިބިފައެވެ.

މިދިޔަ އަހަރު ދެއްކި ހިމޭޝްގެ ފިލްމު "ހެޕީ ހާޑީ އެންޑް ހީރް" ގެ ލަވަ "ތެރި މެރީ ކަހާނީ" ކިޔާފައިވަނީ ރާނޫ އެވެ.

"މިސް ރާނޫ މާރިއާ" ގެ ނަން ދީފައިވާ ރާނޫގެ މައްޗަށް އުފައްދާ މި ބަޔޯޕިކް ޑައިރެކްޓް ކުރަނީ ހިރިކޭޝް މޮންޑަލް އެވެ. ބެންގާލީ ބަހުން ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ޕްރޮޑަކްޝަން ޓީމުން މިހާރު ނިންމާފައިވަނީ ފިލްމު ހިންދީ ބަހުން ވެސް ރިލީޒްކުރުމަށެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހުއެވެ.