ށ. ފޭދޫ، ބިލެއްފަހި އަދި ގޮއިދޫގެ އިތުރަށް ނޫރަމާގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ސާފުކޮށްދެއްވައިފިއެވެ.
މިނިސްޓަރ މިކަން ސާފުކޮށްދެއްވީ ށ. ފޭދޫ، ބިލެއްފަހި އަދި ގޮއިދޫގެ އިތުރަށް ނޫރަމާގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ އާއި އަދި އެކަމުގެ އަމަލީ މަސައްކަތް ފެށޭވަރުވާނީ ކިހާތާކުތޯ ބެލުމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މިނިސްޓަރ ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
ށ.ފޭދޫގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ އޮފިޑްގެ ފޭސް ތިނެއްގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިގެންދިޔަ ކޮންޓްރެކްޓެއް ކަމަށާއި މަސައްކަތް ކުރުމަށް އެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެ މަސައްކަތުގެ ސަރވޭ ނިމިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮވިޑުގެ ދެވަނަ ރާޅާ ހެދި އެ މަސައްކަތް ކުރުމުގައި ދަތިތަކެއް ދިމާވެގެންދިޔަ ކަމަށެވެ.
ޕަންޕު ސްޓޭޝަންތަކާއި އެޑްމިން ބިލްޑިން ހަދާނެ ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ކައުންސިލާއެކު ވާހަކަދެކެވި މިހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރ އެ ބިންތަކުގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮންޓްރެކްޓަރުގެ ޖުމްލަ މުއްދަތަކީ ދޮޅު އަހަރު ކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރަށް ބިލެއްފަހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތަކީ ޕީއެސްއައިޕީގެ ދަށުން އޮތް މަސައްކަތެއް ކަމަށާއި 11 ރަށެއްގެ މަސައްކަތް ޓެންޑަރިންއަށް 2020 ވަނަ އަހަރު ފޮނުވިއިރު ބިލެއްފަހީގެ ޕްރޮޖެކްޓްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އަދި މިހަފްތާގެ ތެރޭގައި ކަމާ ގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއި އެކު މި މަސައްކަތުގެ މަޝްވަރާކުރައްވާ ގޮތެއް ނިންމަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނޫމަރާގެ ފެނާއި ނަރުދަމާގެ މައްސަލަވެސް އޮތީ ބިލެއްފަހީގެ ހާލަތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވާ ސަބަބު ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތުގެ ކޮންޓްރެކްޓަރުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ވިހިވަނަ ދުވަހު އެމްޑަބްލިޔުއެސްސީއާ އެކު ކޮށްފައި ކަމަށެވެ.
އެ މަސައްކަތް މިވަގުތު ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ އެޑްމިން ބިލްޑިންގގެ 56 އިންސައްތައިގެ މަސައްކަތް ނިމިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.