އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ.ގުރުވަ އަލްއުސްތާދު އަހްމަދު އާހިދު ރަޝީދު މިއަދު އައްޔަނުކުރައްވައިފިއެވެ.
އާހިދު މަގާމުގެ ހުވާ ކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އާހިދު އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަގާމެވެ. އާހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ލީގަލް އެޑވައިޒަރގެ މަގާމާއި، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަގާމުވެސް ފުރުއްވާފައެވެ.
މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރގެ މަގާމާއި، މޯލްޑިވްސް ވޮލަންޓިއަރސް ކޯޕްސްގެ ސީއީއޯގެ މަގާމުވެސް އާހިދު ވަނީ ފުރުއްވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.