ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު، ސްރީލަންކާގެ ޕާލަމެންޓުން އެޕްރޫވްކޮށްފިއެވެ.

ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ނިންމެވި ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމާއި، އެއްފަހަރާ ޟަރޫރީ ތަކެތި ގަނެ ސްޓޮކްކުރުން ހުއްޓުވުމަށް ކަމަށެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި ސްރީލަންކާވަނީ، ކާބޯތަކެތީގެ އެންމެ އަސާސީ ތަކެތި ކަމުގައިވާ ހަކުރާއި، ހިކިކިރާއި، ކައްކާ ގޭހަށް ވަރަށް ބޮޑަށް ޖެހިފައެވެ.

ސަރުކާރުން ބުނަމުންދަނީ، މިމައްސަލަ ދިމާވެގެން އުޅެނީ، ފަހުން އަގުބޮޑުކޮށް ވިއްކުމަށްޓަކައި ބަޔަކު ރާވައިގެން އެތަކެތި ގިނައިން ގަނެ ސްޓޮކްކުރުމުގެ ސަބަބުން ކަމަށެވެ.

އެހެންނަމަވެސް، ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަން ޕާލަމެންޓްގެ އިދިކޮޅު މެމްބަރުންވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ.

މެމްބަރުން ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް ހިފެހެއްޓުމަށް އެހެން ގާނޫނުތަކުގެ ބޭނުން ހިފޭނޭ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދެކޮޚުވެރި ފަރާތްތަކާ ދެކޮޅަށް ނާޖާއިޒް ބާރުގެ ބޭނުން ކޮށްފާނެކަމުގެ ތުހުމަތުތައްވެސް އިދިކޮޅު މެމްބަރުން ކުރައްވާފައި ވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ގާނޫނުތައް ސަސްޕެންޑްކޮށް، ކޯޓު އަމުރުނެތި މީހުން ހިފައި ހައްޔަރު ކުރުމާއި، ތަންތަން ބާރުގެ ދަށަށް ގެންދިއުމާއި، ހުއްދަނެތި ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިދެއެވެ.

އަދި ޝަރުއީ ކޯޓަކަށްގޮސް ސުވާލު ނުކުރެވޭ އަމުރުތައް ހިންގުމުގެ ބާރުވެސް ލިބިދެއެވެ. އެފަދަ އަމުރުތައް ނެރޭ މީހުންގެ މައްޗަށް ދައުވާވެސް ނުކުރެވެއެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓްމަހުގެ 30 ވަނަ ދުވަހުއެވެ.

ނަމަވެސް، ސްރީލަންކާގެ ގާނޫނުއަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު 14 ދުވަސްތެރޭ ޕާލަމެންޓުން ފާސްކުރަން ޖެހެއެވެ.

ސްރީލަންކާގެ ޕާލަމެންޓުގައި 225 މެމްބަރުން ހިމެނޭއިރު، ސަރުކާރު ހިންގާ ޕާޓީއަށް އެކަނިވެސް 150 ގޮނޑި ލިބިފައި ވެއެވެ.

ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ފާސްކުރަން ޕާލަމެންޓުގެ 132 މެމްބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 51 މެމްބަރުންނެވެ.

ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓު މެމްބަރުން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު ހިންގަންޖެހުނީ، އެނޫން އެއްވެސް އިޚްތިޔާރެއް މަސައްކަތް ނުކުރުމުން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުން ކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.

ވޭތުވެދިޔަ 50 އަހަރެއްހާ ދުވަހުގެ ތެރެއިން ގިނަ ދުވަސްތައް ސްރީލަންކާގައި ވެރިކަން ހިންގާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ހިންގައިގެންނެވެ. އެއީ، ސްރީލަންކާގައި ހިނގައިދިޔަ ދިގުލީ ދާޚީލީ އަދި ދެކޮޅުވެރި ހަނގުރާމަތަކުގެ ސަބަބުންނެވެ.

އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖާއިޒް ބޭނުން ކުރާކަމުގެ ތުހުމަތުތައް ކަމާބެހޭ ފަރާތްތަކާ ދެކޮޅަށް އާންމުކޮށް އުފުލާފައި ވެއެވެ.

ފަތުރުވެރިކަން ދަށަށްގޮސް، އެކްސްޕޯޓް ދަށްވެ ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް މިހާރު އޮތީ ކާރިޘާއެއްގެ ހާލަތުގައެވެ. މިހައިއިރު، ބޭރުން ނަގާފައިވާ ބިޔަ ބޮޑެތި ލޯނުތަކުގެ މައްސަލަވެސް އެހާ ބޮޑުވެފައި ވެއެވެ.