އިންޑިއާގެ ރެއިލްވޭ ސްޓޭޝަނެއްގައި ސަލާންޖަހައި އުޅެމުން ލަވަކިޔައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ރާނޫ މޮންޑާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން ފިލްމެއް ތައްޔާރުކުރުމަށް ނިންމާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.

ވަރަށް އަވަހަށް ޝޫޓިންގް ފަށައި ފިލްމު ރިލީޒްކުރާނެ ތާރީޚްވެސް ނިންމާފައިވާއިރު ފިލްމަށް ދީފައިވާ ނަމަކީ "މިސް ރާނޫ މާރިއާ" އެވެ.

ފިލްމުގައި ރާނޫގެ ރޯލްއިން ފެންނާނީ އާއްމުކޮށް ބެންގާލީ ފިލްމުތަކުން ފެންނަ މޫނެއްކަމަށްވާ ބަތަލާ އެޝިކާ ޑޭއެވެ.

ކުރިން މިފިލްމު ގެނެސްދޭންވެސް ނިންމާފައިވަނީ ބެންގާލީ ބަހުންނެވެ. އެހެންނަމަވެސް ފަހުން އެނިންމުން ބަދަލުކޮށް މިހާރު ފިލްމު ގެނެސްދޭން ނިންމާފައިވަނީ ހިންދީ ބަހުންނެވެ.

ރާނޫ މޮންޑާލްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ އޭނާ ކިޔާފައިވާ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ "އެކް ޕިޔާރުކަ ނަގުމާހޭ" ގެ ލަވަ ކިޔަނިކޮށް މީހަކު ނަގާފައިވާ ވީޑިއޯއެއް އިންޓަނެޓްގައި ދައުރުވުމާ ގުޅުވައިގެންނެވެ.

މިވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި މަޝްހޫރު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމްޔާގެ ސަމާލުކަމަށް ވީޑިއޯ އައުމާއެކު އޭނާވަނީ ރާނޫއާ ބައްދަލުކޮށް އޭނާގެ ލަވައެއް ކިޔުމުގެ ފުރުސަތުވެސް ދީފައެވެ.

ހިމޭޝްއަކީ މިހާތަނަށް ލަވަކިޔުމުގެ ހުނަރުހުރި ގިނަ ބަޔަކު ފިލްމު އިންޑަސްޓްރީއަށް ތައާރަފްކޮށް އެފަރާތްތަކަށް މިއުޒިކް ކެރިއަރއެއް ހޯދައިދިނުމުގައި އަބަދުވެސް މަސައްކަތްކުރާ ފަރާތެކެވެ.

ހިމޭޝް ދިން ފުރުސަތާއެކު ރާނޫ ވަރަށް ބޮޑަށް އާއްމުންގެތެރޭ މަޝްހޫރު ވެގެންދިޔައެވެ.

އެހެންނަމަވެސް އޭނާއަށް ލިބުނު މަޝްހޫރުކަމާއި ސަމާލުކަން ހެޔޮގޮތުގައި ބަލައިނުގަނެ އޭނާއަކީ ބޮޑާ ކިބުރުވެރި މީހެއްގެގޮތުގައި ފަހުން ގިނަ ބަޔަކުވަނީ ސިފަކޮށްފައެވެ.

"މިސް ރާނޫ" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗްމަހުގެތެރޭގައެވެ.