އިންޑިއާގެ ސައުތް ސިނަމާގައި މިވަގުތުހުރި އެންމެ ކާމިޔާބު އެކްޓަރު މަހޭޝް ބާބޫއަކީ ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ބީރަށްޓެހި މޫނެއް ނޫނެވެ.

ދާދިފަހުން އެކްޓަރު މަހޭޝްވަނީ ރަންވީރް ސިންގްއާއެކު އިޝްތިހާރެއް ކުޅެފައެވެ. މިލިސްޓަށް އެންމެފަހުން އިތުރުވެފައިވަނީ އަރަމުން އަންނަ ޒުވާން އެކްޓަރު ޓައިގަރ ޝްރޮފްއެވެ.

ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކާއެކު ބޮޑު ފޭން ބޭސްއެއް އޮންނަ މަހޭޝްއާ ޓައިގަރ ޝްރޮފްގެ އިޝްތިހާރު ވަރަށް އަވަހަށް ރިލީޒްކުރާނެކަމަށް މީޑިއާތަކުގައިވަނީ ބުނެފައެވެ.

މަހޭޝްގެ މިފަދަ ފެނިލުމަކީވެސް އޭނާގެ ފޭނުންނަށް ފިލްމަކުން އޭނާ ފެނުމާއެއްވަރުގެ އުފަލެކެވެ.

ކުރީގެ ބަތަލާ ނަމްރަދާ ޝްރަދާ ކައިވެނިކޮށްގެ 2 ކުދިންވެސް ލިބިފައިވާ މަހޭޝް ބާބޫއަކީ ފިލްމީ އެކްޓަރެއްގެ އިތުރުން ފިލްމު އުފައްދާ މީހެއްވެސްމެއެވެ.

ސައުތް ސިނަމާގެ އެންމެ އަގުބޮޑު ތަރިންގެތެރޭ ހިމެނޭ މިއެކްޓަރުގެ ޕްރޮޑިއުސްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، 2015 ވަނަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ސްރީމަންތުޑޫ"، 2016 ވަނަ އަހަރު ރިލީޒްވި ފިލްމު "ބްރަހްމޮޓްސާވަމް" އަދި މިދިޔަ އަހަރު ރިލީޒކުރި ފިލްމު "ސަރިލޭރު ނީކެއްވަރު" ހިމެނެއެވެ.

އެކްޓަރު މަހޭޝްއާއެކު މިހާރަކަށްއައިސް އިޝްތިހާރުތަކުން ބޮލީވުޑްގެ އެކްޓަރުން ފެންނަމުންދާތީ މިއީ އޭނާ ބޮލީވުޑުގެ ފިލްމަކުން ފެނުމުގެ އިޝާރާތެއް ކަމަށްވެސް ގިނަބަޔަކުދަނީ ބުނަމުންނެވެ. އެހެންނަމަވެސް އޭނާ މިހާރުވެސް މަސައްކަތް ކުރަމުންދަނީ ތަމަޅަ 2 ފިލްމެއްގެ ޝޫޓިންގްގައެވެ.

އަރަމުން އަންނަ އުއްމީދީ އެކްޓަރު ޓައިގަރ ޝްރޮފް އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ބާޤީ-3" ގައެވެ.

އޭނާ މިވަގުތު މަސައްކަތް ކުރަމުންދާ ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭގައި، ފިލްމު "ހީރޯ ޕަންތީ 2" އަދި ފިލްމު "ގަންޕަތް" ހިމެނެއެވެ.

މިހާތަނަށް ޓައިގަރ ކުޅެފައިވާ ފިލްމުތަކުގައި އޭނާ ދައްކުވައިދީފައިވާ އެކްޝަން ސީންތަކަށް ގިނަ ބައެއްގެ ތައުރީފްވަނީ ލިބިގެންގޮސްފައެވެ.

އޭނާއަކީ އެކްޝަން ފިލްމުތަކާއެކު މޮޅެތި ސްޓަންޓް ސީންތައް ކުޅެން މިވަގުތު ބޮލީވުޑުގައިހުރި އެންމެ ކުޅަދާނަ އެކްޓަރުކަމަށް ގިނަ ބަޔަކުވަނީ އެއްބަސްވެފައެވެ. އޭގެތެރޭގައި ސްޓަންޓް މާސްޓަރގެ ނަމުން މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުވެސް ހިމެނެއެވެ.