މެދުތެރޭ އޭޝިޔާގެ ގައުމެއް ކަމަށްވާ އުޒްބަކިސްތާނުގައި ސްކޫލްތަކަށް ކިޔަވަންދާ އަންހެން ދަރިވަރުންގެ އަދަދު މަދުވެގެން އެކަން ނިމުމަކަށް ގެނައުމަށްޓަކައި އަންހެން ދަރިވަރުންނަށް ބުރުގާ އަޅައިގެން ސްކޫލަށް ކިޔަވަން ދިއުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.
އުޒްބަކިސްތާނުގެ އެޑިއުކޭޝަން މިނިސްޓަރ ޝޭރްޒޯދް ޝެރްމަންޓޯވް ވިދާޅުވީ، ހުދު ކުލައިގެ ނުވަތަ ލައިޓް ކުލަކަށްދާ ކުލައެއްގެ ބުރުގާ ނުވަތަ ބޮލުގެ އިސްތަށިގަނޑު އެއްކޮށް ނިވާވާގޮތަށް ހުންނަ ސްކަލްކެޕް އަޅައިގެން އަންހެން ދަރިވަރުން ސްކޫލަށް ކިޔަވަން ދިއުމުގެ ހުއްދަދޭން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމީ، ވަރަށް ގިނަ ބެލެނިވެރިންގެ އެދުމުގެމަތިން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން މިފިޔަވަޅު އަޅަން ނިންމީ، ކޮންމެ ކުއްޖަކަށް "ސެކިއުލަރ" ތައުލީމު އުނގެނުމުގެ ހައްގު ކަށަވަރު ކުރުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުޒްބަކިސްތާނަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމެކެވެ.
އެހެން ނަމަވެސް، ސޯވިއޭޓް އިއްތިހާދުން މިނިވަންކަން ލިބުނީއްސުރެ އެގައުމުގައި ހިނގަމުން އަންނަނީ ސެކިއުލަރ ވެރިކަމެކެވެ. ސަރުކާރުގެ ސިޔާސަތަކީ ވެރިކަމާއި ދީން ވަކިކޮށްގެން ވެރިކަން ކުރުމެވެ. އެ ސިޔާސަތުގެ ދަށުން ދީނީ ކަންކަން އޮންނަނީ ވަރަށް ހަރުކަށި އުސޫލުތަކެއްގެ ތެރެއިން ކޮންޓްރޯލް ކޮށްފައެވެ.
ބުރުގާ އެޅުން މަނާކޮށްފައި އޮންނާތީ އުޒްބަކިސްތާނުގެ މުސްލިމް ގިނަ އާއިލާތަކުން އެމީހުން އަންހެން ދަރިން ސްކޫލަށް ނުފޮނުވައެވެ.
އެހެން ނަމަވެސް، އުޒްބަކިސްތާނުގެ ރައީސް ކަމަށް 2016 ވަނަ އަހަރު ވަޑައިގެންނެވި ޝައުކަތު މީރްޒިޔޮޔޭވްވަނީ، ދީނީ ކަންކަމަށް ސަރުކާރުން ކުރިމަތިކޮށްފައި އޮތް ވަރަށް ގިނަ ހަރުކަށި އުސޫލުތަކަށް ލުއިދެއްވަން ފަށްޓަވާފައެވެ.
ޝައުކަތު މީރްޒިޔޮޔޭވް ވެރިކަމަށް ވަޑައިގެންނެވީ އޭގެކުރިން އެގައުމުގައި ގޮށްމުށުގެބާރުން ވެރިކަން ކުރައްވަމުން ގެންދެވި އިސްލާމް ކަރީމޯވް އަވަހާރަވުމާ ގުޅިގެންނެވެ.
ބުރުގާ އަޅައިގެން އަންހެން ކުދިންނަށް ސްކޫލަށް ކިޔަވަން ދިއުމުގެ ހުއްދަދޭން ސަރުކާރުން ނިންމި ނަމަވެސް، ހުއްދަދޭން އެޑިއުކޭޝަން މިނިސްޓަރ ޝޭރްޒޯދް ޝެރްމަންޓޯވް އިޝާރާތް ކުރެއްވި ބުރުގާއަކީ އާންމުކޮށް އަޅާ ހިޖާބު ބުރުގާއާ ތަފާތު ބުރުގާއެއް ކަމަށް މީޑިއާއިން ބުނެއެވެ.
ސަރުކާރުން ހުއްދަދޭން ނިންމާފައިވާ ކަމަށް އިޝާރާތްކުރާ ބުރުގާގައި، ސްކޫލަށްދާ އަންހެން ދަރިވަރުންގެ ދަތްދޮޅި ނިވާކުރުމަކީ މަނާކަމެއް ކަމަށް ވެއެވެ. މިއީ، އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ސްކޫލްކުދިން ބުރުގާ އަޅާ ސްޓައިލެކެވެ.
އުޒްބަކިސްތާނުގެ އަންހެނުންނަށް އާންމު ތަންތާނގައި ހިޖާބު އަޅައިގެން އުޅުމުގެ ހުއްދަދީ، ގާނޫނަށް އިސްލާހް ގެނެސްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެހެން ނަމަވެސް، ސްކޫލްތަކާއި، ސަރުކާރުގެ އިމާރާތްތަކަށް ހިޖާބު އަޅައިގެން އުޅޭ މީހުންނަކަށް އަދިވެސް ނުވަދެވެއެވެ.