ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް، ކާމިޔާބުކަމާއިއެކު ކުރެވިގެން ދާނީ މުޖުތަމަޢުގެ އެއްބާރުލުން ލިބިގެންކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމަށްޓަކައި ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ޖެންޑަރ އީކުއަލިޓީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުވުމުން، ރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމާއި، އަދި ރާއްޖެ ބައިވެރިވާ މުޢާޙަދާތަކާއި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގައި ފާހަގަކޮށްފައިވާ ލަނޑުދަނޑިތައް ޙާސިލުކުރެވި މިންތީގެ ފަރަޤުތައް ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި މިއާއިއެކު ހަމަހަމަ ފުރުޞަތުތައް ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޮންމެ ކުއްޖެއްވެސް އެންމެ ތުއްތު އިރުން ފެށިގެން އެކުއްޖެއްގެ ގައިގައި ހުރި ހުނަރު ދެނެގަނެ، އެކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމަށް މަގުފަހިކޮށްދީ އެކަކު އަނެކަކަށް އިޙްތިރާމުކުރާ ވެއްޓެއްގައި، ގަދަރުވެރިކަމާ، ޝަރަފާއިއެކު އުޅުމަށް ފުރުޞަތު ލިބިދޭންޖެހޭކަމަށެވެ.

އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، މުޅި މުޖުތަމަޢު ގުޅިގެން، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް، ކާމިޔާބު ކަމާ އެކު ކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި މިކަންކަން ކުރެވޭނީ ހުރިހާ ދާއިރާއަކުންވެސް ފުރުޞަތުތައް ފަހިކޮށްދީގެންކަމަށެވެ.

"އެންމެ ތުއްތު އިރުން ފެށިގެން އެކުއްޖެއްގެ ހުރި ހުނަރު ދެނެގަނެ، އެކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން ކުރިއެރުމަށް މަގު ފަހިކޮށްދީގެން. އެކަކު އަނެކަކަށް އިޙްތިރާމުކުރާ ވެއްޓެއްގައި، ގަދަރުވެރިކަމާ، ޝަރަފާއިއެކު އުޅުމަށް ފުރުޞަތު ލިބިދީގެން. އަޅުގަޑު އުއްމީދުކުރަނީ މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، މުޅި މުޖުތަމަޢު ގުޅިގެން، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް، ކާމިޔާބު ކަމާ އެކު ކުރެވިގެން ދާނެ ކަމަށް."
މިނިސްޓަރ އާޢިޝަތު މުޙައްމަދު ދީދީ

ގޭތެރެއިން ފެށިގެން، ތައުލީމީ ވެށީގެ ތެރެއިންނާއި އަދި މުޖުތަމަޢުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޚާއްޞަކޮށް، އަންހެނަކަށް ވީތީ ކުރާ އަނިޔާ ހުއްޓެންޖެހޭކަމަށާއި، އަންނަން އޮތް ޖީލު ތަރުބިއްޔަތުކުރުމުގައި މިކަން ކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.