12 އަހަރަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗަސްޓަރ ޔުނައިޓެޑުގެ ޓްރެއިނިންގ ސްޓޭޑިއަމް، ކެރިންގްޓަން ޓްރެއިނިންގ ގްރައުންޑަށް ވަދެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން މިއީ 2009 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވިފަހުން މި ޓްރެއިނިންގ ގްރައުންޑަށް އޭނާ ވަން ފުރަތަމަ ފަހަރެވެ.
ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯ ބަންދުވާން ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޔުނައިޓެޑުން ރޮނާލްޑޯގެ ސޮއި ހޯދިއިރު މިއީ އެނބުރި އެކުލަބަށް އައިފަހުން ރޮނާލްޑޯ ކުލަބުގެ ހަރަކާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ.
އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑުގެ އެއއްބަސްވުމުގައި ސޮއިކުރުމަށްފަހު އިނގިރޭސިވިލާތަށް އައިސްފައިވަނީ ފާއިތުވީ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އިނގިރޭސިވިލާތަށް އެތެރެވުމަށްފަހު ރޮނާލްޑޯ ވަނީ ކަރަންޓީނުގެ މުއްދަތުގެ ގޮތުގައި ފަސް ދުވަސް ހޭދަކޮށްފައެވެ.
ކަރަންޓީން މުއްދަތު ފުރިހަމަކޮށް ރޮނާލްޑޮ ޔުނައިޓެޑުގެ ޓްރެއިނިންގ ގްރައުންޑަށް އައިސްފައިވާއިރު އޭނާ ވަނީ ޔުނައިޓެޑުގެ ބައެއް ކުޅުންތެރިންނާއި ހެޑް ކޯޗް، އޮލެގޮނަ ސޯލްޝެއާ އާއި ބައްދަލުކޮށްފައެވެ.
20 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައި ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ޔުވެންޓަސް އާއިއެކު ކާމިޔާބު 3 އަހަރު ހޭދަކުރުމަށްފަހުއެވެ.
ޔުނައިޓެޑަކީ ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރު ކުރިއެރުވުމުގައި އަދި މިއަދު އޭނާ އައިސްފައިވާ ހިސާބަށް ގެނެސްދިނުމަށްޓަކައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ކުލަބެވެ.
ޔުނައިޓެޑުގައި 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް ރޮނާލްޑޯ ހޭދަކުރިއިރު އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި ވަކިވަކި ކުޅުންތެރިންނަށް ފުޓުބޯޅައިގައިދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ބެލަންޑޯ އެވޯޑުވެސް ހާސިލްކޮށްފައެވެ. މީގެއިތުރުންވެސް އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި އިންޑިވިޖުއަލް ގިނަ އެވޯޑުތަކެއް ހާސިިލްކޮށްފައެވެ.
މިހާތަނަށް ފަސް ފަހަރަށް ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ ރޮނާލްޑޯ ވަނީ އޭނާ އެންމެފުރަތަމަ ޔުނައިޓެޑާއެކު ހޭދަކުރި 6 ސީޒަނުގެ ތެރޭގައި 292 މެޗު ކުޅެދީ 118 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އެކުލަބާއެކު 9 ޓްރޮފީއެއް ކާމިޔާބުކޮށްފައެވެ.