އިނގިރޭސިވިލާތުގެ މަޝްހޫރު ވޯގް މެގަޒިންއިން ބާއްވަމުން އަންނަ "މެޓް ގާލާ" ބޭއްވުމުގެ ތައްޔާރީތައް ފަށައިފިއެވެ.

ވޯގުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަހަރުގެ އިވެންޓް މި ބާއްވަނީ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.

"މެޓް ގާލާ 2021" މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނިޔު ޔޯރކް ސިޓީގެ މެޓްރޯޕޮލިޓަން މިޔުޒިއަމް އޮފް އާރްޓްގައި މިހިނގާ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެރެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު 2020 ވަނަ އަހަރުގެ ގާލާ އިވެންޓްވަނީ ކެންސަލް ކޮށްފައެވެ. މި އަހަރުގެ ގާލާ އިވެންޓަށް ދައުވަތު ދެވިފައިވާ ހުރިހާ ތަރިންވެސް ވެކްސިން ފުރިހަމަކުރުމަށް މަޖުބޫރުކޮށްފައިވެއެވެ. އަދި އިވެންޓް ކުރިއަށްދާއިރު، އިންޑޯރގައި މާސްކް އެޅުމަށް ވެސް ވަނީ މަޖުބޫރުކޮށްފައެވެ.

މި އަހަރުގެ ގާލާގެ ތީމް އަކީ "އިން އެމެރިކާ: އަ ލެކްސިކަން އޮފް ފެޝަން" އެވެ. މި އިވެންޓް ހުށަހަޅައިދޭ ތަރިންގެ ތެރޭގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ހުވާކުރުމުގެ ރަސްމިއްޔާތުން ގިނަ ބައެއްގެ ސަމާލުކަން ހޯދި، މަޝްހޫރު ޕޮއެޓް، އަމާންޑާ ގޯމަން އާއި ލަވަކިޔުންތެރިޔާ ބިލީ އައިލިޝްގެ އިތުރުން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ، ފިލްމީ ތަރި ޓިމޮތީ ޝަލަމޭ، ޑިޒައިނަރ ޓޮމް ފޯރޑް އަދި އެޑިޓަރ އަނާ ވިންޓޯ ހިމެނެއެވެ.

މި އަހަރުގެ ގާލާ ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ އިވެންޓްގައި ހިމެނޭ މެނޫ ތައްޔާރުކުރުމަށް ހާއްސަ ޝެފުންތަކެއް އައްޔަނުކޮށްފައިވުން ކަމަށް ވޯގުން ރިޕޯޓްކޮށްފައިވެއެވެ. މިއީ ގާލާގެ ތާރީޚުގައި މިފަދައިން މިކަން ކުރާ ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ. އިވެންޓަށް ތައްޔާރުކޮށްފައިވާ މުޅި މެނޫ ބިނާވަނީ ފަތްޕިލާވެލީގެ ބާވަތްތަކަށެވެ. މިހާރުވަނީ މި އިވެންޓަށް ޚާއްސަކޮށް 10 ޝެފުން ވެސް ކަނޑައަޅާފައެވެ.

ކޮންމެ އަހަރެއްގެވެސް މެޓް ގާލާ އިވެންޓުން ތަފާތު އެކި ޑިޒައިންތަކުގެ ހެނދުންތައް ފެނެއެވެ. އަދި މި ހެނދުންތަކަށް ބަލާލަން އެއްބަޔަކު އިންތިޒާރު ކުރާއިރު އެކި ކަހަލަ ފާޑު ކިޔުންތައްވެސް އާންމުންގެ ފަރާތުން ތަރިންނަށް ލިބެއެވެ.