އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި ގައުމީ ފުޓުބޯޅަ ޓީމުން ކުރާ ކޭމްޕަށް ރާއްޖޭގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) އުނިކޮށް، 30 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފިއެވެ.

މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު އެންމެފުރަތަމަ މި މުބާރާތަށް އެކުލަވާލީ 31 ކުޅުންތެރިންގެ ވަގުތީ ސްކޮޑެކެވެ. އެހެންނަމަވެސް ފަހުން، ގައުމީ ޓީމުގެ ކޯޗިންގ ސްޓާފުން މީޑިއާތަކާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަގުތީ ސްކޮޑަށް އިތުރު ތިން ކުޅުންތެރިން ވަނީ އިތުރުކޮށްފައެވެ.

ގަތަރު ކޭމްޕަށް އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑާއެކު ގައުމީ ސްކޮޑުން ފުރުސަތު ގެއްލިފައިވަނީ ބަކާ އާއި އިރޭގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބުގެ މުހައްމަދު އަޖުފާން އާއި އިމްރާން ނަޝީދު (އިންމަ) ގެ އިތުރުން ކުލަބް ގްރިންސްޓްރީޓްސްގެ މުހައްމަދު ސާއިފު އެވެ.

ގައުމީ ސްކޮޑުން ދެން ފުރުސަތު ގެއްލުނު އިމްރާން (ކ)، އަޖުފާން (މ) އަދި ސާއިފް.-- ފޮޓޯ: އެފްއޭއެމް

ގައުމީ ސްކޮޑުން ބަކާ ބާކީކުރިއިރު އޭނާ އަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑަރެވެ. އެގޮތުން ރާއްޖެއިން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި އޭނާ ހިމެނިފައިވެއެވެ. މީގެއިތުރުން ނިމިދިޔަ އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް އިން ބެންގަލޫރު އެފްސީ އާއި ދެކޮޅަށް ކުޅުނުއިރު، މި މެޗުގައިވެސް ބަކާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މީގެއިތުރުން އިރޭ އަކީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ވައިސް ކެޕްޓަންއެވެ. 2014 ވަނަ އަހަރުން ފެށިގެން ސީނިއަރ ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ އިރޭ ވަނީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅުނު ފުރަތަމަ ދެމެޗުގައި އެޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަަދާކޮށްފައެވެ. އާންމުގޮތެއްގައި މިޑްފީލްޑަރެއްގެ ގޮތުގައި ފެންނަ އިރޭ އޭއެފްސީ ކަޕުގައި ޑިފެންޑަރެއްގެ މަގާމަށް ކުޅުނީ މާޒިޔާގެ އިތުބާރު ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިރޭ އަށް ސްކޮޑުން ފުރުސަތު ގެއްލުނީ ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

ދެން ސްކޮޑުން ބާކީކުރި އަޖުފާން އާއި ސާއިފް ސްކޮޑުން ބާކީ ކޮށްފައިވަނީ އެކަށީގެންވާ ވަރަށް ޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސަރަހައްދީ ބޮޑު މުބާރާތަކަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު ގައުމީ ޓީމުން ރަސްމީކޮށް ފަރިތަކުރުންތައް ފަށާފައިވަނީ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. ގައުމީ ޓީމުން ގަތަރު ޓްރެއިނިން ކޭމްޕަށް ފުރާނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މި ކޭމްޕުގެ ތެރެއިން ޕްރެކްޓިސް 4 މެޗު ކުޅުމަށް ރާވާފައިވާއިރު ކޭމްޕު ނިންމާލުމަށްފަހު ޓީމު ރާއްޖެ އަންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ގަތަރު ކޭމްޕަށް އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ:

ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަހުމަދު އަބްދުﷲ (ލިލީ).

އީގަލްސް:

ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އަހުމަދު ނޫމާން (ހެލްމެޓް).

ވެލެންސިއާ:

އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް).

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ):

އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު، އަލީ ހައިޝަމް (ޗުމްޕު).

ގްރީން ސްޓްރީޓް:

ހަސަން ނަޒީމް (ޗޯޓު).

ޓީސީ:

އަލީ ޝާމިސް (ތޮއްޕޭ).

ދަ ގްރާންޑޭ:

ޔަސްފާދު ހަބީބު (މުލަކޭ).

100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންނާއެކު ގައުމީ ޓީމުން މުބާރާތް ކާމިޔާބުކޮށް ސާފް ޗެމްޕިއަންޝިޕް ދިފާއުކުރުމުގެ އަޒުމުގައި ނުކުންނައިރު، މުބާރާތް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސާފް ސަރަހައްދުގައި ޖުމްލަ 7 ގައުމު ހިމެނޭއިރު މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ 5 ޓީމެކެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝް އާއި ސްރީ ލަންކާއެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެގައުމުގައި ކޮވިޑުގެ ހާލަތު އޮތްގޮތުންނެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރިނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގެ ސަބަބުންނެވެ.

މުބާރާތް ފަށާމެޗުގައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ނުކުންނާނީ ރާއްޖެ އާއި ނޭޕާލް އެވެ.