އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ވާދަކުރެވޭނެކަމަށް އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިގޮތަށް ކަނޑައެޅީ މިއަދު ބޭއްވި އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ކަމަށް މައުލޫމާތު ލިބެއެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން މިގޮތަށް ނިންމާފައި މިވަނީ މިނިސްޓަރ މަހުލޫފަށް އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމީ ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ވެސް ކަނޑައަޅާފައި ވަނިކޮށެވެ.

އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް އަންގާފައިވާ މައްސަލަ އިސްތިއުނާފަށް އެމްޑީޕީއަށް ހުށަހަޅައި، އެ ޕާޓީގެ ޖަވާބެއް ނުލިބުމުން މިނިސްޓަރ މަހުލޫފް ވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެމައްސަލަ އިލެކްޝަނަން ހުށަހަޅުއްވާފައެވެ.

މަހުލޫފް ހުށަހެޅުއްވި ސިޓީގެ ޖަވާބުގައި އީސީން ބުނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހްލޫފަށް ވާދަނުކުރެއްވޭނެ ކަމަށް ނިންމާފައިވާ މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހިމަނާފައިވާ ޝަރުތެއް ނޫންކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިނިސްޓަރ މަހުލޫފަށް ގެއްލުނީ އެޕާޓީގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ޝަރުތުތައް ހަމަނުވާކަމަށް ކަނޑައެޅުމުންނެވެ.

ނަމަވެސް، އަލަށް އިންތިޚާބުކުރި އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހުގެ ނިންމުމުން މަހުލޫފް ވަނީ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

އަދި އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސުން ބޮޑު ނަތީޖާއަކުން އެމަނިކުފާނު އިންތިހާބު ކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އީސީގެ ސިޓީ މީސްމީޑިއާގައި އާންމުކުރައްވައި މިނިސްޓަރ މަހުލޫފް ވިދާޅުވީ، ކެންޑިޑޭޓުންނާ ގުޅޭ އެއްވެސް ޝަރުތެއް ކަނޑައެޅޭނީ ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކޮށްގެން، ނޫނީ އަސާސީ ގަވާއިދުގެ ދަށުން ބާރުލިބިގެން ހަދާ އިތުރު ގަވާއިދަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ.