މުޅި އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތާލިބާން ޖަމާއަތުން އެގައުމުގައި ވަގުތީ ސަރުކާރެއް އެކުލަވާލައި، އެ ސަރުކާރު މިއަދު އިއުލާންކޮށްފިއެވެ.

ތާލިބާނުން އެކުލަވާލި ސަރުކާރުގެ ވެރިޔަކަށް ނުތަބަ އެކްޓިންގ ބޮޑުވަޒީރުގެ މަގާމަށް އިސްކޮށްފައިވަނީ މުއްލާ މުހަންމަދު ހަސަން އަޚުންދުއެވެ. މުއްލާ މުހަންމަދު ހަސަން އަޚުންދުއަކީ ތާލިބާން ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ މުއްލާ މުހަންމަދު އުމަރުގެ ވަރަށް އަރިސް ބޭފުޅެކެވެ.

އަލަށް އެކުލަވާލި ސަރުކާރާއި، އެ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރެވުނު ބޭފުޅުންތައް ނަންތައް ހާމަކުރެއްވީ، ތާލިބާން ޖަމާއަތުގެ އިސް ތަރުޖަމާނު ޒަބީހުﷲ މުޖާހިދެވެ.

ކެބިނެޓުގައި ގިނައިން ހިމެނިވަޑައިގެންފައިވަނީ މުޅިންވެސް ތާލިބާން ޖަމާއަތުގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ކެބިނެޓުން އެއްވެސް އަންހެން ބޭފުޅަކަށް ފުރުސަތު ދީފައެއް ނުވެއެވެ.

ވަގުތީ ސަރުކާރުގެ ނައިބަކަށް އައްޔަން ކޮށްފައިވަނީ ތާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ އަބްދުލް ޣަނީ ބަރާދަރެވެ. ދާޚިލީ ވަޒީރަކަށް ހަމަޖައްސާވައިވަނީ ހައްގާނީ ނެޓްވޯކުގެ ބާނީގެ ދަރިފުޅު ސިރާޖުއްދީން ހައްގާނީއެވެ.

ތާލިބާން ޖަމާއަތުގެ އެއް ބާނީ، މިހާރު އަވަހާރަވެފައިވާ މުއްލާ މުހަންމަދު އުމަރުގެ ފިރިހެން ދަރިފުޅު އަދި ތާލިބާން ޖަމާއަތުގެ އިސް ކޮމާންޑަރ މުއްލާ މުހަންމަދު ޔައުގޫބަށް ދީފައިވަނީ ޑިފެންސް މިނިސްޓަރުކަމެވެ.

މިނޫންވެސް، ކެބިނެޓުގެ 33 މަގާމު ދެއްވާފައިވަނީ، ތާލިބާން ޖަމާއަތުން ކުރި މަޝްވަރާތަކާއި، ހަނގުރާމައާއި އެނޫންވެސް ކަންކަމުގައި އިސް ރޯލެއް ކުޅުއްވި ބޭފުޅުންނަށެވެ.

އެގޮތުން، ޚާރިޖީ ވަޒީރުކަން ދީފައިވަނީ ދޯހާ މަޝްވަރާތަކުގައި ތާލިބާން ތަމްސީލު ކުރެއްވި އާމިރު ޚާން މުއްތަގީއެވެ.

އިސް ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، އައު ސަރުކާރުގެ އިސް އެހެން މަގާމުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށާއި، ކެބިނެޓާއި، ސަރުކާރުގެ އިސް މަގާމުތަކަށް އަފްޣާނިސްތާނުގެ ހުރިހާ ހިސާބަކުން ބޭފުޅުން އައްޔަން ކުރެވޭނެ ކަމަށެވެ.

ތިން ހަފްތާ ވަންދެން އަފްޣާނިސްތާނުގައި ހިނގައިދިޔަ ކަންތައްގަނޑު ނިމުމަކަށްގެނެސް އައު ވަގުތީ ސަރުކާރެއް އެކުވަލާލުމުން ޗައިނާއިންވަނީ އެކަމަށް މަރްހަބާ ކިޔާފައެވެ. ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ގައުމަށް ހަމަޖެހުން ގެނެސް އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށައިގަތުމަށް މިއީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެކަމަކު، އެމެރިކާއިން ބުނެފައިވަނީ، ތާލިބާން ސަރުކާރުގެ ކެބިނެޓަށް އިސްކުރެވުނު ބައެއް ބޭފުޅުންނަކީ "ފަސްބައި ރީތި" ބޭފުޅުން ނޫން ކަމަށެވެ.

ޔޫރަޕްގެ އިއްތިހާދުން ބުނެފައިވަނީ، ތާލިބާނުންގެ ވެރިން ކުރިން ވައުދުވި ގޮތަށް، އަފްޣާނިސްތާނުގެ ހުރިހާ ޖަމާއަތްތައް ސަރުކާރުގައި ހިމަނާފައި ނުވާ ކަމަށެވެ. އެކަމާ ކަންބޮޑުވާ ކަމަށެވެ.