އިންޑިޔާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އޭނަގެ ބިޔަ ހަށިގަނޑު ވަރަށް ބޮޑަށް ހިއްކާލައިފިއެވެ.

ބާރްތީ ސިންގަކީ އަބަދުވެސް ވަރަށް ފަލަކޮށް ހުންނަ މީހެކެވެ. އޭނާ ޓީވީން ފެންނަން ފެށީއްސުރެ މިއަދާ ހަމައަށްވެސް ހަށިގަނޑުގެ ބައްޓަމަށް މާ ބޮޑު ބަދަލެއް އައި ތަނެއް ނުފެނެއެވެ.

ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ވެސް މުހިއްމު ބައިވެރިއެއް ކަމަށްވާ ބާރްތީ މިހާރު ވަނީ ހިކެން މަސައްކަތް ފަށައި، ނަތީޖާވެސް ނެރެން ފަށާފައެވެ.

އެންޑީޓީވީއަށް ދިން އިންޓިއުއެއްގައި 37 އަހަރުގެ ކޮމީޑިއަން ބުނީ ހިކެން މަސައްކަތް ފެށީ މީގެ 10 ވަރަކަށް މަސް ކުރިން ކަމަށެވެ. ފެށިއިރު ބަރުދަނުގައި 91 ކިލޯ ހުރި ނަމަވެސް މިހާރު ބަރުދަނަކީ 75 ކިލޯ ކަމަށް ބުންޏެވެ.

ބާރުތީ ވަނީ ހަތަރު އަހަރު ކުރިން ސްކްރީން ރައިޓަރ އަދި ޕްރޮޑިއުސަރ ހަރްޝް ލިމްބާޗިއާ އާއި ކައިވެނިކޮށްފައެވެ. ބާރްތީ އެހާ ފަލަކޮށް ހުންނާތީ އޭނާގެ ފިރީމާހާވެސް އެކަމަށް ވަރަށް ޖޯކުޖަހައެވެ. ހަރްޝް އަކީ ބާރްތީއާ އަޅާބަލާއިރު ވަރަށް ހިކިކޮށް ހުންނަ މީހެކެވެ.

ބާރްތީ ބުނިގޮތުގައި ހިކެން ހިތްވަރުލާފަ މަސައްކަތް ފެށީ ކޮވިޑް-19ގެ ބަލިމަޑު ކަމާއި ގުޅިގެން މުޅި ދުނިޔެ ލޮކްޑައުން ކުރި ދުވަސްވަރުގައެވެ. އަދި ބޮޑު ކްރެޑިޓެއް ދޭނީވެސް ލޮކްޑައުންއަށް ކަމަށް އޭނަ ބުންޏެވެ.

ބާރްތީ ބުނި ގޮތުގައި ހިކެން މަސައްކަތް ފެށި ފުރަތަމަ ފަނަވަރަކަށް ދުވަހު ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވިއެވެ. ސަބަބަކީ އޭނާ އަކީ ކެއުމަށް ދެވިހިފާފައި ހުރި މީހަކަށް ވުމެވެ.

ބާރްތީ ކިޔައިދިން ގޮތުގައި ހިކެން ކުރާ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ރޭގަނޑު 7-12 އާ ދެމެދު އެއްވެސް އެއްޗެއް ނުކައި ހުސްބަނޑާ ހުރުމެވެ.

އަބަދުވެސް ވަރަށް މަޖާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭ ބާރްތީ ބުނީ ހިކެން ވަކި ހާއްސަ ޑައިޓެއް ފޮލޯނުކުރާ ކަމަށެވެ. އޭނާ ކުރާ ކަމަކީ ކޮންމެ ދުވަހެއްގެ ކެއުން މަދުކުރުމެވެ.

"އެބަ ހުންނަން ގިނަ ދުވަސް ދުވަހު މިހާރު ފަނަރަ ސޯޅަ ގަޑިއިރު ވަންދެން ހަމައެކަނި ފެން ބޯލައިގެން. އަހަރެންގެ ތަޖުރިބާއިން ބުނާނީ ހިކެން މަސައްކަތްކޮށްފި ނަމަ މިއީ އެއްވެސް މީހަކަށް ނުވާނެ ކަމެއް ނޫނޭ. އަހަރެން ދުވަހަކު ހިއެއް ވެސް ނުކުރަން އަހަންނަށް މި ވަރުގެ ބަދަލެއް ގެނެވިދާނެ ކަމަކަށް. އަހަންނަށް މިކަން ކުރެވެންޏާ މިކަން ނުކުރެވޭނެ މީހަކު ނުހުންނާނެ."
ބާރްތީ ސިންގް

ބާރްތީ އަކީ ވަރަށް ބޮޑަށް ނޭވާހިއްލާ އަދި ހަކުރުގެ މައްސަލަވެސް ހުންނަ މީހެކެވެ. އޭނާ ބުނި ގޮތުގައި ހިކެން ފަށައި ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރަން ފެށި ފަހުން މިހާރު ކުރިން ދިމާވެފައި ހުރި ބައެއް ބަލިތަކަށްވެސް ވަނީ ބޮޑު ލުއެއް ލިބިފައެވެ.

ބާރްތީ ބުނީ ހަށިގަނޑަށް އައި ބަދަލުގެ ސަބަބުން ހިތްހަމަޖެހި އުފާވާކަމަށެވެ. އެހެންނަމަވެސް އަދިވެސް ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެންޑީ ޓީވީއަށް ދިން އިންޓަރވިޔުގައި ބާރްތީވަނީ ބުނެފައެވެ.

ބާރްތީގެ ހަށިގަނޑަށް މިހާރު އައިސްފައި ހުރި ބަދަލު އޭނާގެ އެންމެ ފަހުގެ އިންސްޓަގްރާމް ފޮޓޯތަކުން ވެސް ފާހަގަކުރެވޭނެއެވެ.

ބާރްތީއަކީ މިހާރު ކަލާޒް ޓީވީން ދައްކަމުން އަންނަ "ޑާންސް ދީވާނޭ"ގެ ހޯސްޓްގެ އިތުރުން "ދަ ކަޕިލް ޝަރުމާ" ޝޯގައިވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ފަންނާނެކެވެ.