މިިދިޔަ އޮގަސްޓްމަހު، އިންޕޯޓް އެކްސްޕޯޓުން ދައުލަތަށް 288 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޮގްސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަނީ، 182 އިންސައްތަ އިތުރުވެފައެވެ.

2020 ވަނަ އަހަރުގެ އޮގަސްޓްމަހު 102 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއަހަރުގެ އޮގަސްޓްމަހު މި ޢަދަދުވަނީ 228 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2020 ވަނަ އަހަރުގެ އޮގަސްޓްމަހާއި އަޅާބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓްމަހު ދިވެހިރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ އޮގަސްޓްމަހު މި އަދަދުވަނީ 3.5 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މިދިޔަމަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު 2020 ވަނަ އަހަރުގެ އޮގަސްޓްމަހު އަޅާބަލާއިރު 60 އިންސައްތަ ވަނީ ދަށްވެފައެެވެ. 2020 ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖޭން އެކްސްޕޯޓް ކޮށްފައިވަނީ 675 މިލިއަން ރުފިޔާގެ މުދާލެވެ. މިއަހަރުގެ އޮގަސްޓްމަހު މި އަދަދުވަނީ 270 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، ޗައިނާ އަދި ޔޫއޭއީއެވެ. އިންޑިއާ އިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 458 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 447 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ތައިލޭންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އަދި ނެދަލޭންޑްސްގެ އިތުރުން އިންޑިއާއެވެ.

ރާއްޖެއިން މިދިޔަމަހު އެންމެ އިންއިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 88 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓް ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓްކުރި ގަނޑުކުރި ކަންނެލިން 48 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ތިން ވަނަައަށް އެންމެ ގިނައިން އެކްސްޕޯޓްކުރީ ކައްކާ، ސާފުކޮށްފައިހުރި ކަޅުބިލަމަހެވެ. އޭގެ 48 މިލިއަން ރުފިޔާގެ މަސް މިދިޔަމަހު ވަނީ އެކްސްޕޯޓްކޮށްފައެވެ.

މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއިން ބޭރުން 111 އުޅަނދުފަހަރު އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 146 އުޅަނދުފަހަރެވެ. އަދި މިއަހަރުގެ މި މުއްދަތުގައި 168 އުޅަނދެެއް ރާއްޖެއިން ފުރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައިވެސް ފުރާފައިވަނީ 168 އުޅަނދެވެ.