އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް، އައިއެމްޓީއެމް 2021 ބާއްވާ ތާރީހު ފަސްކޮފިއެވެ.

އައިއެމްޓީއެމް 2021 ބޭއްވުމަށް ކުރިން ހަަމަޖައްސާފައި އޮތީ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުން 23 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 26 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައިއެމްޓީއެމްގެ ހަތަރު ވަނަ އެޑިޝަން އަކީ ވާރޗުއަލްކޮށް އައިއެމްޓީއެމް އެއަރ ޕްލެޓްފޯމުގައި ބާއްވާ ހަރަކާތެކެވެ. އައިއެމްޓީއެމްއިން ބުނީ އިވެންޓު ފަސްކުރީ އިވެންޓް ޕާޓްނަރުންގެ އެދުމުގެ މަތިންނާއި، ދިމާވި މައްސަލަތަކެއް ހައްލުކުރުމަށްކަމަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރަޖިސްޓަރވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އައިއެމްޓީއެމްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މި ކަމަށް ޙާއްޞަ ލިންކްތަށް މެދުވެރުކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޙާއްޞަކޮށް އަހަރަކު އެއް ފަހަރު ބާއްވާ އައިއެމްޓީއެމް ފެއާއަކީ ބޭރުގެ ވިޔަފާރިތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރަން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންސީތަކާއި، ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ވިޔަފާރިތަކަށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކާ ގުޅިގެން ހުރި ފުރުސަތުތައް ހޯދައިދިނުމުގެ މަގްސަދުގައި ކުރިޔަށްގެންދާ ފެއަރ އެކެވެ.

މި އަހަރުގެ ފެއާގައި ދުނިޔޭގެ 20 ގައުމަކުން 100 އަށް ވުރެ ގިނަ ވިޔަފާރިއަކާއި 400 ޓްރޭޑް ވިޒިޓަރުން ބައިވެރިވާނެ ކަމަށް އައިއެމްޓީއެމްއިން ލަފާކުރެއެވެ.