ޑެލްޓާ ވޭރިއެންޓުގެ ނަމުން ނަން ދެވިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓް މިހާރު ވެފައިވަނީ މުޅި ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑްފަތުރާ ވޭރިއެންޓަށެވެ.

ޑެލްޓާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިއާއިންނެވެ.

ސައިންސްވެރިންގެ މައިގަނޑު ފޯކަސް މިހާރު ހުއްޓިފައިވަނީ ޑެލްޓާ ވޭރިއެންޓަށެވެ. ސަބަބަކީ، މި ވޭރިއެންޓަކީ "އެންމެ ކަންބޮޑުވާ" ވޭރިއެންޓުގެ ލިސްޓުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހިމަނާފައިވާ ވޭރިއެންޓަކަށް ވެފައި، ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ބަލި ފަތުރެމުންދާ ވޭރިއެންޓަށް ވުމުންނެވެ.

ދުނިޔޭގެ ގައުމުތަކުގައި އާބާދީގައި ވެކްސިން ނުޖަހާ ތިބި ގިނަ ބަޔަކަށް ޑެލްޓާ ވޭރިއެންޓުގެ ޒަރީއާއިން ބަލި ޖެހެމުންދާއިރު، މިހާތަނަށް ފެނިފައިވާ އެހެން ވޭރިއެންޓުތަކާ އަޅާބަލާއިރު ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ވެކްސިން ޖަހާފައިވާ ގިނަ ބަޔަކަށްވެސް ބަލި ޖެހެމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޑެލްޓާ ވޭރިއެންޓަކީ މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ބަލި ފަތުރަމުންދާ ވޭރިއެންޓެކެވެ. އަދި ބައެއް މީހުންގެ ބަލީގެ ހާލަތު ބޮޑުވެ، ނުވިތާކަށް ކޮވިޑާ ދެކޮޅަށް ދެމުންގެންދާ ވެކްސިނާއި އަދި ބަލިޖެހޭ މީހުންނަށް ކުރަމުންދާ ފަރުވާގެ ފައިދާވެސް ކުޑަކޮށްލާ އެއްޗަކަށް ޑެލްޓާ ވޭރިއެންޓް ވެފައި ވެއެވެ.

ސަން ޑިއޭގޯގެ ލާ ޖޮލާ އިންސްޓިޓިއުޓް އޮފް އިމިއުނޮލޮޖީގެ ވައިރޮލޮޖިސްޓް ޝޭން ކޮޓީ ވިދާޅުވީ، ޑެލްޓާ ވޭރިއެންޓަށް ލިބިފައިވާ "ސުޕަރޕަވަރ" އަކީ މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ބަލި ފެތުރުން ކަމަށެވެ.

ޗައިނާގެ ރިސާޗަރުން ހޯދާފައިވާ ހޯދުންތަކުން ދައްކާފައިވާގޮތުން، ކޮވިޑް އޮރިޖިނަލް ވައިރަސްއަށްވުރެ، ޑެލްޓާގެ ސަބަބުން ބަލިޖެހޭ މީހުންގެ ނޭފަތުގައި ވައިރަސް ހުންނަ މިންވަރު 1،260 ގުނަ އިތުރެވެ.

އެންމެ ފުރަތަމަ ފެނުނު ކޮރޯނާވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުންގެ ގައިން އަލާމާތްތައް ފެންނަން ގާތްގަނޑަކަށް 7 ދުވަސްވަރު ނަގާއިރު، ޑެލްޓާ ވޭރިއެންޓުގެ ޒަރީއާއިން ބަލިޖެހޭ މީހުންގެ ގައިން ބަލީގެ އަލާމާތް ދެތިންދުވަސްތެރޭ ފެންނަން ފަށައެވެ.

މީގެ ނަތީޖާއަކީ، ބައްޔާ ދެކޮޅަށް މަސައްކަތް ކުރަން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެކަށީގެންވާ ވަގުތު ނުލިބި އަދި ދިފާއު ގާއިމް ނުކުރެވުން ކަމަށް ސައިންސްވެރިން ބުނެއެވެ.

އެހެން ނަމަވެސް، ޑެލްޓާ ވޭރިއެންޓް ފިޔަވައި، ދެން ހުރި ވޭރިއެންޓްތަކަށްވެސް ސައިންސްވެރިންގެ ނަޒަރު މިހާރުވަނީ ހުއްޓިފައެވެ. އެއީ، ޑެލްޓާ ވޭރިއެންޓް ފަހަތަށް ޖައްސައި، އެހެން ވޭރިއެންޓްތައް ދުނިޔެއަށް ފެތުރިގެން ހިނގައިދާނެތޯ ބަލައި ވަޒަންކުރުމުގެ ގޮތުންނެވެ.

ކޮވިޑްބަލި ޖައްސާ އަސްލު ވައިރަސްގެ ފަހުން ދުނިޔެއިން މިހާތަނަށް ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓުތަކަށް ޑަބްލިޔޫއެޗްއޯއިންވަނީ ނަންތައްވެސް ދީފައެވެ. އެއީ، އެ ވޭރިއެންޓްތައް ފާހަގަކޮށް ދެނެގަތުމަށް ފަސޭހަކަށެވެ.

އޭގެތެރެއިން ޑަބްލިޔޫއެޗްއޯއިން "ކަންބޮޑުވާ" ކެޓެގަރީގައި ހަތަރު ވޭރިއެންޓެއް ހިމަނާފައި ވެއެވެ. އެއީ، އަލްފާ، ބީޓާ، ގާމާ، ޑެލްޓާއެވެ. އަލްފާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އިނގިރޭސިވިލާތުންނެވެ. ބީޓާ ވޭރިއެންޓް ފުރަތަމަ ފެނުނީ 2020 ވަނަ އަހަރުގެ މެއިމަހު ދެކުނު އެފްރިކާއިންނެވެ. ގާމާ ވޭރިއެންޓް ފެނުނީ ނޮވެމްބަރުމަހު ބްރެޒީލުންނެވެ. ޑެލްޓާ ވޭރިއެންޓް ފުރަތަމަ ފެނުނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރުމަހު އިންޑިއާއިންނެވެ.

މީގެ އިތުރުން، ޑަބްލިޔޫއެޗްއޯގެ "އިންޓަރެސްޓް" ކެޓެގަރީގައި 5 ވޭރިއެންޓެއް ހިމަނާފައި ވެއެވެ.

އެ ފަސް ވޭރިއެންޓަކީ، ޑިސެމްބަރުމަހު ޕޭރޫއިން ފެނުނު "ލަމްބްޑާ" ވޭރިއެންޓް، މިއަހަރުގެ ޖެނުއަރީމަހު ކޮލަމްބިއާއިން ފެނުނު "މޫ" ވޭރިއެންޓް، 2020 ވަނަ އަހަރުގެ އޮކްޓޫބަރުމަހު އިންޑިއާއިން ފެނުނު "ކަޕާ" ވޭރިއެންޓް، 2020 ގެ ނޮވެމްބަރުމަހު އެމެރިކާއިން ފެނުނު "ލޯޓާ" އަދި މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ދުނިޔޭގެ އެތައް ގައުމަކުން ފެނިފައިވާ "އޭޓާ" ވޭރިއެންޓެވެ.

ދުނިޔޭގެ އާބާދީގެ ގިނަ ބަޔަކު އަދިވެސް ވެކްސިން ނުޖަހާ ތިބުމުން، ވެކްސިން ނުޖަހާ މީހުންގެ ޒަރީއާއިން ކޮވިޑް ވައިރަސް އިތުރަށް ފެތުރިގަތުމާއި، އިތުރަށް މިއުޓޭޓްވެ އައު ވޭރިއެންޓްއް އުފެދުމަށް ފުރުސަތު ފަހިވެގެންދާތީ ގިނަބަޔަކު ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.