ގައުމީ ސީނިއަރ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗް އަލީ ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ސުޒެއިން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ ލުއި އަލާމާތްތަކެއްފެނި ބުދަ ދުވަހުގެ ވަގުތެއްގައު ޓެސްޓު ކުރުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައުމީ ޓީމުގެ ކޯޗް ސުޒެއިން ކޮވިޑަށް ޕޮޒިޓިވްވުމުން ޓީމުގައި ހިމެނޭ 30 ކުޅުންތެރިންނާއި ހުރިހާ އޮފިޝަލުން ވަނީ ބައްޔަށް ޓެސްޓު ކޮށްފައެވެ. އެހެންނަމަވެސް އިތުރު އެއްވެސް އޮފިޝަލަކުވެސް އަދި ކުޅުންތެރިއަކުވެސް ޕޮޒިޓިވް ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މިއާއެކު ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ހުކުރު ދުވަހު ގައުމީ ޓީމުން ދުބާއީގައި ކޭމްޕުކުރުމަށް ފުރާއިރު ޓީމާއެކު ސުޒެއިން ދަތުރު ނުކުރާނެއެވެ. ސުޒެއިން ކޭމްޕުގައި ބައިވެރިވާނި 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ހަމަކުރުމަށްފަހުއެވެ.

10 ވަނަ ދުވަހު ގައުމީ ޓީމުން ދުބާއީ އަށް ފުރާއިރު ޓްރެއިނިންގ ކޭމްޕު ފުރިހަމަކުރުމަށްފަހު ގައުމީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ބެލެވޭ ގޮތުގައި ސުޒެއިން ޓީމުގެ ކޭމްޕާއި ގުޅޭނީ 24 ވަނަ ދުވަހުއެވެ. އެހެންކަމުން ކޭމްޕުގެ ބޮޑު ބައެއްގައި ގައުމީ ޓީމުގެ ކަންކަން ބެލެހެއްޓުމާއި ހަވާލުވާނީ އެސިިސްޓަންޓް ކޯޗުން ކަމުގައިވާ އިސްމާއިލް މަހްފޫޒް (އިންމަ) އާއި ކުރީގެ ގައުމީ ޓީމުގެ އިތުބާރު ކީޕަރު އިމްރާން މުހައްމަދު އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެފްއޭއެމް އިން އެކުލަވާލާފައިވަނީ 100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންގެ ޓީމެކެވެ. ގައުމީ ޓީމުގެ ކޯޗިންގ ސްޓާފުންނަށް ބަދަލުގެނައީ ކުރިން ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުވާލުމަށްފަހުއެވެ.

އޮގަސްޓު މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފަށާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، ދުބާއީގައި ކުރާ ކޭމްޕުގައި ބައިވެރިވާނެ 30 ކުޅުންތެރިންގެ ސްކޮޑެއްވެސް ވަނީ އެކުލަވާލާފައެވެ.

ސާފް ސަރަހައްދުގައި ޖުމްލަ 7 ގައުމު ހިމެނޭއިރު މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ 5 ޓީމެކެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝް އާއި ސްރީ ލަންކާއެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެގައުމުގައި ކޮވިޑުގެ ހާލަތު އޮތްގޮތުންނެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރިނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގެ ސަބަބުންނެވެ.

މުބާރާތް ފަށާމެޗުގައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ނުކުންނާނީ ރާއްޖެ އާއި ނޭޕާލް އެވެ.