މޯލްޑިވްސް މިއުޒިކް ސްކޫލް (އެމްއެމްސީ)ގެ 5 ދަރިވަރަކަށް ބައިނަލްއަޤުވާމީ އެވޯޑެއް ލިބިއްޖެއެވެ.

މި ފަސް ކުދިން އެވޯޑް ހޯދާފައިވަނީ ޓްރިނިޓީ ކޮލެޖް ލަންޑަންގެ 2020 ވަނަ އަހަރުގެ ވޯކަލް އިމްތިހާނަކުން ރޮކް އެންޑް ޕޮޕް ވޯކަލްސްގެ ބައިންނެވެ.

މި އިމްތިހާނުގައި ބައިވެރިވެ، ރޮކް އެންޑް ޕޮޕް ވޯކަލްސްގެ ގްރޭޑް 5 ގެ އެވޯރޑް 3 ދަރިވަރަކު ހޯދާފައިވެއެވެ. އެއީ އައިޝަތު ޖޫނީ ޖިނާހް، އައިޝަތު ޒާޔާ ޝަމީމް އަދި ޝާލް ޢަބްދުﷲ ޝަރީފެވެ.

ދެން ހިމެނެނީ އިމްތިޙާނުން ގްރޭޑް 3 ގެ އެވޯރޑް ހޯދާފައިވާ ދެ ދަރިވަރެކެވެ. އެއީ މާޝީ މަދީހުއާއި އައިޝަތު އިބާ އަދީފްއެވެ.

މި ދަރިވަރުންގެ ތެރެއިން އައިޝަތު ޒަޔާއަކީ 2018 ވަނަ އަހަރުވެސް ޓްރިނިޓީ ކޮލެޖް ލަންޑަންގެ މި އިމްތިޙާނުގައި ބައިވެރިވެ އެއްވަނަ ޙާސިލުކޮށްފައިވާ ދަރިވަރެކެވެ.

ކޮވިޑްގެ ބަލިމަޑު ކަމާއިގުޅިގެން 2020 ވަނަ އަހަރުގެ އިމްތިޙާނު ބާއްވާފައިވަނީ މިއަހަރުގެ އޭޕްރިލް 19 އިން 20 އަށް ޑިޖިޓަލްކޮށެވެ.

އިމްތިހާނުން އެވޯރޑް ޙާސިލުކުރިން ދަރިވަރުން ބުނީ މި އަހަރުގެ އިމްތިހާނަކީ އެހާ ފަސޭހަ އިމްތިހާނެއް ނޫން ކަމަށާއި އެހެން ނަމަވެސް އެވޯރޑެއް ލިބޭނެ ކަމަށް އުއްމީދު ކުރިކަމަށެވެ.

"އެގްޒާމް އެހާ އީޒީއެއް ނޫން އެކަމަކު ހޯޕް ކުރިން ވަނައަކަށް. ޚާއްސަކޮށް ޑިޖިޓަލްކޮށް އެގްޒާމް ކުރިއަށް ގެންދިޔައިމަ 'ވަން ޓޭކް' އިން ރެކޯޑުތިންގ ތައް ފޮނުވަންވީމަ ވަރަށް އުނދަގޫވި".
އައިޝަތު ޒަޔާ

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުގެ ޗެއާމަން އަލީ އަބްދުލްކަރީމް (ރުކުމާ އަލީ) ވިދާޅުވީ، މިފަހަރުގެ އިމްތިހާނުގައި މިއުޒިކް ސްކޫލްގެ 28 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހަދާފައިވާ އިމްތިހާނަކުން މިއުޒިކް ސްކޫލްގެ 5 ކުއްޖަކަށް އެވޯރޑް ލިބިފައިވާއިރު މިކުދިންނަކީ މިއުޒިކްގެ ތިއަރީ ވަރަށް ބޮޑަށް އެނގިގެން ލަވަކިޔާފައިވާ ކުދިން ކަމަށްވެސް އަލީ ވިދާޅުވިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ އިމްތިހާނު ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި، ކޮވިޑް-19ގެ ސަބަބުން މިއަހަރުގެ އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ ޑިޖިޓަލްކޮށް ކަމަށް އަދި ޓެކްނިކަލް ބައިވެރު ކަންތައްތައް ކުރަން ޖެހުމުގެ ސަބަބުން މި ފަހަރުގެ އިމްތިހާނު އެހެން އަހަރުތަކަށްވުރެ އުނދަގޫކަން އަލީ ފާހަގަކުރެއްވިއެވެ.

"އިމްތިހާން އިވެލުއޭޓްކުރި އިރު މި 5 ދަރިވަރުންނަށް ވަނީ 90އިންސައްތަ މާރކްސް ހޯދާފަ އެއީ މިސަރަހައްދުގެ ދަރިވަރުންގެ މާރކްސް އަށް ބަލާއިރު ވަރަށް މަތީ މާރކްސްއެއް. ރޮކް އެންޑް ޕޮޕް އެގްޒޭމްގެ މައިގަނޑު އެއްޗަކީ ޕާރފޯމަންސް އެގޮތުން މި 5 ކުދިންނަކީ އެންމެ މަތިން ޕާރފޯމަންސް މާރކްސް ހޯދި ދަރިވަރުން".
އެމްއެމްއޭސީގެ ޗެއަރމަން އަލީ އަބްދުލް ކަރީމް

މޯލްޑިވްސް މިއުޒިކް އެންޑް އާރޓްސް ސެންޓަރުން 2017 ވަނަ އަހަރުން ފެށިގެން މިއުޒިކާއި އާރޓްސް އެންޑް ކްރާފްޓްގެ ތަފާތު މުބާރާތްތައް ޤައުމީ ފެންވަރުގަޔާއި އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް އަންނަނީ ބާއްވަމުންނެނެވެ.

ވީޓީވީއާއި މޯލްޑިވްސް މިއުޒިކް އާރޓްސް ސެންޓަރ ގުޅިގެން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ މަދަހަ ރަންއަޑުގެ ދެވަނަ ސީޒަން ކުރިއަށް ގެންގޮސްފައެވެ.