އެމެރިކާގެ ކޮންޒަވޭޝަން ސެންޓަރެއްގައި ގެންގުޅޭ ދެބޯލީ ހަރުފައިގެ އުމުރުން 16 އަހަރު ފުރުމާ ގުޅިގެން، އޭތީގެ އުފަންދުވަސް ފާހަގަކުރުމަށް ޚާއްސަ ޕާޓީއެއް ބާއްވައިފިއެވެ.
ސަބަބަކީ، މި ހަރުފައަކީ އެ ކޮންޒަވޭޝަން ސެންޓަރުގައި ގެންގުޅޭ ޖަނަވާރާއި އެނޫންވެސް ދޫނި ސޫފާސޫފީގެ ތެރެއިން އެންމެ ޚާއްސަ އަދި އެންމެ އާދަޔާ ޚިލާފް އެއްޗަށް ވުމުންނެވެ. އެއީ، ދެބޯލީ ހަރުފައެއް ކަމުންނެވެ.
މުޅިން ކަޅުކުލައަށްދާ ބްލެކް ރެޓް ބާވަތުގެ މި ހަރުފަ ގެންގުޅެނީ، އެމެރިކާގެ މިޒޫރީގެ ދަ ކޭޕް ގިރާޑޯ ކޮންޒަރވޭޝަން ނޭޗަރ ސެންޓަރުގައެވެ. މިސެންޓަރަކީ، މިޒޫރީ ޑިޕާޓްމަންޓް އޮފް ކޮންޒަރވޭޝަނުން ހިންގާ ސެންޓަރެކެވެ.
އެތަނުގައި ގެންގުޅޭ ދެބޯލީ މިހަރުފައިގެ އުމުރުން 16 އަހަރު ފުރިގެން ޚާއްސަ ޕާޓީ ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕާޓީގައި ބައިވެރިވުމުގެ ފުރުސަތު، އެ ސެންޓަރަށް އެދުވަހު ޒިޔާރަތްކުރި އެންމެނަށް ދީފައި ވެއެވެ.
ޕާޓީގައި ކޭކު ފެޅުމާއި، ގޭމް ކުޅުމާއި، ކުރެހުންފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އަދި ބްލެކް ރެޓް ހަރުފަ އާއިލާބެހޭ މައުލޫމާތު ދިނުންވެސް އޮތެވެ.
މި ހަރުފައިގެ ދެބޯ ހުންނައިރު، އެދެ ބޮލުގައި ހިމެނޭ ސިކުނޑިވެސް ފުރިހަމައަށް މަސައްކަތް ކުރާ ކަމަށް ވެއެވެ.
ނެޗުރަލިސްޓެއް ކަމަށްވާ އެލެކްސް ހޯލްމްސް ވިދާޅުވީ، އާންމުކޮށް ބްލެކް ރެޓް ބާވަތުގެ ހަރުފަ ޖަންގަލީގައި ދިރިއުޅޭއިރު އޭގެ އުމުރަކީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ކަމަށެވެ.
އަދި ދެބޯލީ ހަރުފައެއްނަމަ އެއަށްވުރެންވެސް އުމުރު ކުރުވާ ކަމަށާއި، ސަބަބަކީ، ދެސިކުނޑިން ދެގޮތަށް ވިސްނުންތައް ގެންގުޅެ ނުވަތަ ދެ ދިމާއަކަށް ދާން އުޅެ ކުރިމަތިވާ ނުފޫޒުގެ ސަބަބުން އެހެން ކޮންމެވެސް ޖަނަވާރެއްގެ ޝިކާރައަކަށް ވެގެން ކަމަށެވެ.