އޭޝިއަން ކަޕުގެ ކޮލިފައިންގ މެޗުތަކަށް ޓީމު އެކުލަވާލުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން ޅ. އަތޮޅުގައި ކުރަމުންދާ ކޭމްޕުގެ ތެރެއިން ރ. މީދޫ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާ ޒުވާން ޓީމުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ހިންނަވަރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ޒުވާން ޓީމު މޮޅުވީ 0-7 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

ފޮޓޯ:- އެފްއޭއެމް

މިއީ ކޭމްޕުގެ ތެރެއިން ޓީމުން ކުޅުނު ހަތަރުވަނަ މެޗެވެ. ކޭމްޕުގެ ތެރެއިން ގައުމީ ޓީމުން އެންމެ ފުރަތަމަ ކުޅެފައިވަނީ ނަައިފަރު ޓީމާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ނ. ހޮޅުދޫ އާއި ދެކޮޅަށް ގައުމީ ޓީމުން ކުޅުނުއިރު މި ދެމެޗުވެސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ނ. ކުޑަފަރި އާއި ދެކޮޅަށްކުޅެ ޒުވާން ޓީމުން ވަނީ 3-8 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެހެންކަމުން މުހިންމު މެޗުތަކަކަށް ތައްޔާރުވަމުން އަންނައިރު ޒުވާން ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެމުންދިޔުން މިއީ ކޭމްޕުގެ ތެރެއިން ޓީމަށް ރަނގަޅު ކަންތައްތަކެއް ހާސިލްވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.

މި ކޭމްޕުގެ ތެރެއިން ޒުވާން ޓީމު ޖުމްލަ 6 މެޗު ކުޅޭއިރު ހުކުރު ދުވަހު ހިންނަވަރާއި ދެކޮޅަށް ނުކުންނާނެއެވެ. އަދި އެއަށްފަހު ހޮނިހިރު ދުވަހު ކުރެންދޫ އާއި ދެކޮޅަށް ކުޅޭއިރު ޒުވާން ޓީމު ކޭމްޕު ނިންމާލާ މާލެ އައުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ތާވަލުކޮށްފައިވާ އޭޝިއަން ކަޕުގެ ކޮލިފައިންގ މެޗުތަކަށް ޒުވާން ޓީމުން ތައްޔާރީތައް ފަށާފައިވާއިރު މީގެކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް އަލީ ސުޒެއިން ވިދާޅުވީ ކޭމްޕުގެ ތެރެއިން ކުޅޭ މެޗުތަކުން ރަނގަޅު ކުޅުންތެރިންތަކެއް ފާހަގަވެއްޖެނަމަ އެކުޅުންތެރިންނަށްވެސް ޒުވާން ޓީމުން ފުރުސަތު ދޭނެކަމަށެވެ.

ހެޑް ކޯޗެއްގެ ގޮތުގައި ސުޒޭން ހަރަކާތްތެރިވީނަމަވެސް ކޭމްޕުގައި ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާނީ އެސިސްޓަންޓް ކޯޗުން ކަމުގައިވާ ސޮބާހު މުހައްމަދު އިބްރާއިމް (ސޮބާ) އާއި މުހައްމަދު ޝާހިދު (ޝާޑު) އެވެ. އެއީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސީނިއަރ ގައުމުގީ ޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައި އެފްއޭއެމް އިން ސުޒެއިން ހަމަޖައްސާފައިވާތީއެވެ.

މީޑިއާތަކާއި ބައްދަލުކޮށް ވާހަކަދައްކަމުން ސުޒެއިން ބުނީ ސުޒެއިންގެވެސް އަދި ގައުމީ ސީނިއަރ ޓީމުގެ ހުރިހާ ކޯޗިންގ ސްޓާފުންގެވެސް މިވަގުތުގެ ހުރިހާ ފޯކަސް އެއް ހުރީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރަންހުރި މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.