ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން "އިންސާފު ހޯދަން" މި ނަމުގަ ކުރިއަށްގެންދާ ސުލްހަވެރި ހިނގާލުމަށް ފުރުސަތު ދިނުމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ.

މިއަދު ބާއްވަން ހަމަޖެހިފައިވާ ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މި ހަރަކާތަކީ އިންސާފު ނުލިބިގެން ބާއްވާ ސުލްހަވެރި ހިނގާލުމެއް ކަމަށާއި ދިވެހިރާއްޖޭގެ ސަލާމާތި ބާރުތަކުން މިކަންކުރުމަށް ފުރުސަތުދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސަރުކާރަށް ފާޑުވިދާޅުވެ، ޝުޖާއު ވަނީ ރައިސް ޔާމީންގެ ވެރިކަމުގައި ކުންފުނިތަކަށް އިލްމީ ގާބިލް މީހުން އައްޔަން ކުރެއްވީ އެކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށާއި، މިސަރުކާރުން އަމަލު ކުރަމުންދަނީ އޭގެ އިދިކޮޅަށްކަމަށް ވިދާޅުވެފައެވެ.

މޮނީޓަރިންގެ ހާލަތުގައި ނެތް ހުރިހާ ރަށެއްގައި މިއަދު ހަވީރު 16:00 އިން ފެށިގެން 18:00 އަށް އިންސާފު ހޯދުމުގެ ނަމުގައި ހިނގާލުން ކުރިއަށްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތުދެއެވެ.

މި ހިނގާލުމަކީ، ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ގާޒީން ކަމަށް ތުހުމަތުވާ ބައެއްގެ އޯޑިއޯތަކެއް ލީކުވުމާއި ގުޅިގެން ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އިދިކޮޅުން އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ބާއްވާ ހިނގާލުމެއް ކަމަށް އިދިކޮޅުން ބުނެއެވެ.