ދިވެހިރާއްޖޭގައި ފެތުރިފައިވާ ހަރުކަށި ފިކުރުގެ މައްސަލައަށް ހައްލު ހޯދޭނީ އިލްމީގޮތުންނާއި ފިކުރީގޮތުން މަސައްކަތްކޮށްގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދައިން މިދާޅުވީ ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ޓެރަރިޒަމްގެ ނިވަލުގައި ތިބޭ ބަޔަކީ މުސްލިމުން ކަމަށް ހީވެފައި އޮންނަ އޮތުމަކީ ފިކުރީ މައްސަލައެއް ކަމަށާއި، އެކަން ހައްލުކުރުމަށް އިލްމީ ބޭފުޅުންނާއެކު ޕްލެޓްފޯމެއް އުފައްދަން މަސައްކަތް ކުރައްވާކަމަށެވެ.

ހަރުކަށި ފިކުރަކީ ފިކުރީ މައްސަލައެއްކަން ފާހަގަކުރައްވާ، ޑރ. ޝަހީމް ވިދާޅުވީ، އެކަމަށް ހައްލު ހޯދޭނީވެސް ފިކުރީގޮތުން ކަމަށެވެ.

ހަމައެކަނި އަދަބުދީގެން އެކަން ހައްލުނުވާނެ ކަމަށާއި، ބައެއް ފަހަރު އަދަބުދީފިނަމަ އެފިކުރު އިތުރަށް ހަރުކަށިވެ އެހެން މަރުހަލާއަކަށް ގޮސް ހަމަލާ ދިނުމާ ހަނގުރާމަކުރުމަށް މަގުފަހިވެދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ ތަޖުރިބާއަކީ އެއީކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ތިބިކަން މިހާރު ގަބޫލުކުރަންޖެހޭ ކަމަށާއި، ގައުމު މިވަގުތު އޮތް ހާލަތަށް ރިއާޔަތްކޮށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލަން މަސައްކަތްތަކެއް ކުރަންޖެހޭނެ ކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގައި ފިކުރީ ވަރަށް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ، ޑރ. ޝަހީމް ވިދާޅުވީ، ހަރުކަށި ފިކުރުން ގައުމު ސަލާމަތްކޮށް ވަޒަން ހަމަ ފިކުރެއްގެ މަތީގައި ދިވެހި ޒުވާނުން ދެމިތިބުމަށްޓަކައި ރާއްޖޭގެ ހުރިހާ އިލްމީ ބޭފުޅުން މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.

އެހެންނޫންނަމަ ގައުމުގައި ބޮޑެތި މައްސަލަތަކެއް ދިމާވާން މެދުވެރިވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފިކުރީ ވަރަށްގިނަ މައްސަލަތައް އެބަހުރި. އިސްލާމް ދީނަށް ފުރައްސާރަކުރުން މައްސަލަވެސް ވަރަށް ބޮޑު މައްސަލައަކަށް ވެފް މިއޮތީ. އެހެންވީމަ މިދެފިކުރުން ގައުމު ސަލާމަތްކޮށް ވަޒަން ހަމަ ފިކުރެއްގެ ގޮތުގައި، ދިވެހި ޒުވާނުން އެފިކުރެއްގެ މަތީގައި ދިވެހި ޒުވާނުން، ދިވެހި ގައުމު މެދުމިން އިސްލާމީ ހަރުދަނާ އުސޫލެއްގެ މަތީގައި ދެމިއޮތުމަށްޓަކައި ރާއްޖޭގެ އިލްމީ ހުރިހާ ބޭފުޅުން އެބަ ޖެހޭ މަސައްކަތްކުރަން.
ޑރ. ޝަހީމް އަލީ ސައީދު

މީގެއިތުރަށް ގައުމަށް ހިދުމަތްކުރުމަށްޓަކައި އިސް މަގާމެއްގައި ހުންނަން ނުޖެހޭނެ ކަމަށާއި، އެމީހެއްގެ މަގާމަކީ އެމީހަކު އަމިއްލައަށް އުފައްދާ އެއްޗެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އެމީހެއްގެ ފެންވަރުން އެމީހަކަށް ގައުމަށް ހިދުމަތް ކުރެވޭނެ ކަމަށާއި، މަގާމެއްގައި ހުންނަ ނަމަ އެއީ ލިބިގެންދާނެ އިތުރު ފުރުސަތެއް ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ ގައުމުގައި އިސްލާމްދީން ދެމެހެއްޓުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި މާތްﷲގެ އިރާދަފުޅާއެކު ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.