ބްރެޒިލް މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް މަޤްބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ފެށި އިންފުލުއެންސަރ ފެމް ޓްރިޕް ސިލްސިލާގެ ދެ ވަނަ ދަތުރު ފަށައިފިއެވެ.

ބްރެޒިލްގެ ބައެއް މަޤްބޫލު ސޯޝަލް މީޑިޔާ އިންފްލުއެންސަރުންގެ ބައިވެރިވުމާއެކު ބާއްވާ މި ފެމް ޓްރިޕް ސީރީޒްގެ ދެ ވަނަ ފެމް ޓްރިޕްގައި ބައިވެރިވާ އިންފްލުއެންސަރު ސެޕްޓެމްބަރު 8 ވަނަ ދުވަހު ވަނީ ރާއްޖެ އައިސްފައެވެ.

މި ދަތުރުގައި ބައިވެރިވާ ބްރެޒިލްގެ އިންފްލުއެންސަރު ރާއްޖޭގެ ހުވަފެން ފުށި ރިޒޯޓު، ވެލައްސަރު ރިޒޯޓު އަދި ތާޖް ހޮޓެލްސް ރިޒޯޓަށް ޒިޔާރަތްކޮށް މިރިޒޯޓުތަކުން ފަތުވެރިންނަށް ލިބޭ އެކި ހިދުމަތްތައް ތަޖުރިބާ ކުރާނެއެވެ. އެގޮތުން ސްނޯކްލްކުރުމާއި، ސްޕާ, ވޯޓާ ސްޕޯޓްސް ތަޖުރިބާކުރާނެއެވެ. މީގެއިތުރުން މި ރިޒޯޓްތަކުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި އިންފްލުއެންސަރަށް ލިބޭނެއެވެ. ރާއްޖޭގައި ކުރެވޭ ތަޖުރިބާތަށް މިއިންފްލުއެންސަރު ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެއެވެ.

މި ފެމިލަރައިޒޭޝަން ޓްރިޕްގެ މައިގަނޑު މަޤްސަދަކީ ބްރެޒިލްގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، މިމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މީގެއިތުރުން ރާއްޖޭ އަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ޤައުމެއްކަމުން، މިއީ ބްރެޒިލްގެ ފަތުރުވެރިންނަށް ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ރާއްޖޭން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މިފޭމް ޓްރިޕްގެ ޒަރިއްޔާއިން ބްރެޒިލްގެ މާކެޓަށް އިޝްތިހާރުކުރެވިގެންދާނެއެވެ. ހާއްސަކޮށް ދިވެހިރާއްޖެ "ރޮމޭންޓިކް ސައިޑް އޮފް ލައިފް"ގެ ގޮތުގައި ދެއްކުމުގެ އިތުރުން ޑައިވް މާކެޓަށް އަމާޒުކޮށް އިޝްތިހާރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މި ސިލްސިލާގެ ފުރަތަމަ ޓްރިޕް ޖުލައި މަހުގެ 10ން 18 އަށް ކުރިއަށް ގެންގޮސް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ. 3 ޓްރިޕަށް ބަހާލައިގެން ކުރިއަށްގެންދާ މިސިލްސިލާގެ އެންމެ ފަހު ފެމް ޓްރިޕްވެސް މި އަހަރު ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޓްރިޕްތަކުގައި ޖުމްލަ 5 އިންފްލުއެންސަރުން ރާއްޖެ ޒިޔާރަތްކުރާނެއެވެ.

މިފެމް ޓްރިޕް ސިލްސިލާއިން ސޯޝަލްމީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ޖުމްލަ 3 މިލިއަނަށްވުރެ ގިނަ މީހުންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރެވޭނެއެވެ.