މެދުއިރުމަތީގައި، ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށްޓަކައި މެދުއިރުމަތީގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ ކޮސްމޯ ކްލަބްހައުސްއާއެކު ވިޒިޓް މޯލްޑިވްސްއިން ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

އެގޮތުން ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ކޮސްމޯ ކްލަބްހައުސްގެ 6 އިންފްލުއެންސަރުން ވަނީ ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް އައިސްފައެވެ. މިޓީމްގައި ހިމެނޭ އިންފްލުއެންސަރުންގެ ތެރޭގައި މާރވާއަލް ހާޙް، ލޭލާ އާކިލް، ނެޑީން ހޮށްސާމް، މޯނީ ހެލާލް، ސާރާ އަލް ހާމިރި، އަދި ޓިވިންކަލް ސްޓަންލީ ހިމެނެއެވެ. މި ދަތުރުގައި ކޮސްމޯ ކްލަބްހައުސްގެ ޓީމް ރާއްޖޭގައި 7 ދުވަސް ހޭދަކުރާނެއެވެ.

ކޮސްމޯޕޮލިޓަން އަކީ މެދުއިރުމަތީގައި ޒުވާން އަންހެނުންގެ މެދުގައި ވަރަށް މަޤުބޫލު މަޖައްލާއެކެވެ. މިމަޖައްލާ އަކީ އޮންލައިން، ޑިޖިޓަލް އަދި ޕްރިންޓް މީޑިއަމްގައި ދައުރުކުރާ މަޖައްލާއެކެވެ. އަދި މިމަޖައްލާގައި މަޝްހޫރު އިންފްލުއެންސަރުން ހަދާ ތަފާތު ކޮންޓެންޓު ޕްރޮމޯޓުކުރެއެވެ. ކޮސްމޯޕޮލިޓަން މަޖައްލާގެ ޕަބްލިކޭޝަންތައް ޓެކްޓޮކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައި ޝާއިޢުކުރެއެވެ.

ކޮސްމޯ ކްލަބްހައުސްގެ އިންފްލުއެންސަރުން ރާއްޖެއަށް ކުރާ މިދަރުތުގެ ތެރެއިން ރާއްޖޭގެ ދެ ރިޒޯޓެއްގައި ތިބޭނެއެވެ. އެއީ ލަކްސް ސައުތް އަދި އެޓޯލް އާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އެވެ. މި ޓީމުން ކުރާ ތަޖުރިބާތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ބަލާލުމަށް ސްނޯކްލްކުރުމާއި ސްޕާ,ވޯޓާސްޕޯޓްސް, އަދި ރިޒޯޓުތަކުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ޓީމަށް ލިބޭނެއެވެ.

ކޮސްމޯ ކްލަބްހައުސް އިންފްލުއެންސަރުންގެ ދަތުރުގެ ތެރެއިންނާއި ދަތުރު ނިންމުމަށްފަހުވެސް ރާއްޖޭގެ ރީތި މަންޒަރުތަކާއި، ތަޖުރިބާތައް އިޝްތިހާރުކުރުމަށް ހާއްސަ ވީޑިއޯ، ފޮޓޯ ޑިޖިޓަލް، ވީޑިއޯ އަދި ޕްރިންޓް މެދުވެރިކޮށް މިމަޖައްލާގެ ބެލުންތެރިންނާއި ހަމައަށް ފޯރުކޮށްދޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެެއެވެ.

ވިޒިޓް މޯލްޑިވްސްއިން މި ފެމިލިއަރައިޒޭޝަން ޓްރިޕް އިންތިޒާމްކޮށްފައި ވަނީ މެދުއިރުމަތީ މާކެޓަށް ވިޒިޓް މޯލްޑިވްސްއިން ކަނޑައަޅާފައިވާ މާކެޓިންގް ސްރެޓަޖީގެ ދަށުންނެވެ. މި ސްރެޓަޖީގެ ދަށުން މެދުއިރުމަތީގެ ފަތުރުވެރިންނަށް ދިވެހިރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެއެވެ.