މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރަނީ 4،110 ފަތުރުވެރިންކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 788،846 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްްފައިވެއެވެ. އަދި މިމަހުގެ މިހާތަނަށް 32،880 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހުރީ 4،110 ގައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޮގަސްޓް މަހުގައެވެ. އެމަހު 143،599 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ދެން އެންމެ ގިނަ ފަތުރުުވެރިން ޒިޔާރަތް ކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު 109،585 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މީގެއިތުރުން މިދިޔަ ޖުލައިމަހު 101،818 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 788،846 އަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 394،505 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، 2019 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 1،163،858 ފަތުރުވެރިންނެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 172،104 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ލިސްޓުގެ ދެވަނައިގަން އިތް ރަޝިއާއިން 162،801 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ލިސްޓުގެ ތިންވަނައިގައި ޖަރުމަނުވިލާތް އޮތްއިރު، އެގައުމުން ޒިޔާރަތް ކޮށްފައިވަނީ 42،218 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ އޫއެސް، ޔޫކްރެއިން، ސައުދީ އަރަބިއްޔާ، ސްޕެއިން، ކަޒަކިސްތާން އަދި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސްއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 850 ތަނެއް ހުޅުވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ 155 ރިސޯޓާއި، 552 ގެސްޓްހައުސް އަދި 143 ސަފާރީއެވެ. މީއީ 50،438 ބެޑް ކެޕޭސިޓީއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ އެމިރޭޓްސް މެދުވެރިކޮށެވެ.

އެއެއާލައިނުން 154،158 ފަތުރުވެރިން ރާއްޖެ ގެނެސްފައިވާއިރު ލިސްޓުގެ ދެވަނައިގައި އޮތް ގަތަރު އެއާވޭސްއިން 125،900 ފަތުރުވެރިން ރާއްޖެ ގެނެސްފައިވެއެވެ.

މީގެއިތުރުން އޭރޯފްލޮޓް، އިންޑިގޯ، ގޯ އެއާ، ފްލައި ދުބާއީ އަދި ޓާކިޝް އެއާލައިންސް އިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނެސްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.