ކާނަލް ނާޒިމް އާއި އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވީ އެޕާޓީގެ ލީޑަރޝިޕަށް އަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓން ވަކިވެ ސިޔާސީ ޕާޓީއެއް ހަދަންޖެހުނު އެންމެބޮޑު ސަބަބަކީ ޖުމްހޫރީ ޕާޓީގައި ތިބެގެން ގައުމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ފުރުސަތު ކުޑަވުމުންކަމުގައި ކާނަލް ނާޒިމް ވިދާޅުވުމާ ގުޅިގެން، ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައުދު ވިދާޅުވީ ޕާޓީގައި ތިއްބަވައިގެން މި ދެބޭފުޅުން މަސައްކަތް ކުރެއްވީ ގާސިމް އިބްރާހިމް ޕާޓީގެ ލީޑަރުކަމުން ދުރުކުރެވޭތޯ ކަމަށާއި އަދި އެކަން ކާމިޔާބުނުވުމުން ފިލައިގެންދިޔައީ ކަަމަަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ ބޭފުޅުންނަށް ވަރަށް އިތުބާރުކުރެއްވި ކަމަށާއި ޕާޓީގެ ވަރަށް ގިނަ ކަންތައްތައް އެ ދެ ބޭފުޅުންނަށް ހަވާލުކުރެއްވިކަން ސައުދު ފާހަގަކުރެއްވިއެވެ.

އެ ބޭފުޅުން ޖުމްހޫރީ ޕާޓީ ނިންދެވީވެސް. ޕާޓީގެ ގިނަ ކަންކަމުގަ އިސްކޮށް ހަވާލުވެ ތިބެ މަޖިލީހުގައިވެސް ނާޒިމް އަދި ރިޔާޒް އެ ޕަރފޯމެންސް ނެތް ދައްކާފައެއް. ޖޭޕީގެ ޕީޖީކަން ނަގައިގެންވެސް. އެހެންވީމަ ނިދާފަ ތިބީ ކޮން ބައެއްކަން އެއޮތީ އޮޅިފަ."
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު

މީގެއިތުރުން ނާޒިމާއި ރިޔާޒަށް 2018 ވަނަ އަހަރުގަ ކައުންސިލުން އިންތިޚާބަށް ކެންޑިޑޭޓުން ހަމަޖެއްސުމާއި ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސުމުގެ މިންގަނޑުތައް ކަނޑައެޅުމަށް ޖޭޕީގެ ލީޑާޝިޕުން ހަވާލުކުރުމުން، އެކަންވެސް ކުރެއްވީ އެންމެ ރަނގަޅަށް ނޫންކަން ސައުދު ފާހަގަކުރެއްވިއެވެ.

ކޮވިޑުގެ ހާލަތަކީ ސިޔާސީ ހަރަކާތްތައް ހިންގޭނެ ދުވަސްވަރެއް ނޫންކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޖޭޕީގެ ސްލޮޓެއްގައި ނާޒިމް އާއި ރިޔާޒް ތިއްބަަވައިގެން ޕާޓީއަށް މެމްބަރުން ގިނަ ކުރުމަށް އެއްވެސް އެއްބާރުލުމެއް ދީފައިނުވާ ކަމަށެވެ.

މިހާރު އަމިއްލަ މަސްލަަހަތުގަ އަމިއްލަ ޕާޓީއެއް ހަދާތީ އަމިއްލަ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އެ ކުރަނީ. ޖުމްހޫރީ ޕާޓީއަށް މެމްބަރުން ހޯދުމަށް އެ ދެ ބޭފުޅުންނަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުމެއް ނުކުރައްވާ. އަދި ޕާޓީ ކުރިއެރުވުމަށް އެ ބޭފުޅުން ހުށަހެޅުއްވި ކަމެއްވެސް ނެތް."
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު

ނާޒިމް އާއި އަދިވެސް އެޕާޓީން ވަކިވެގެންދިޔަ ބޭފުޅުންނަކީ ޖޭޕީ ތެރޭގައި ސިއްރުން ކަންތައްތަކެއް ކުރަން މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއު ޖުމްހޫރީ ޕާޓީއަށް ތުހުމަތުކޮށް ސިޔާސީ އެކިއެކި ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ހަގީގަތް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކައިރި މުސްތަގުބަލެއްގައި ސާފުކޮށްދެއްވާނެ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.