ތާލިބާނުންނަށާއި، އެމީހުންގެ ދީނީ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުއޮތްކަން ހާމަކޮށް އަފްޣާނިސްތާނުގެ އަންހެނުންތަކެއް އަޑުއުފުލައިފިއެވެ.

އެމީހުން މިކަމަށް އަޑުއުފުލާފައިވަނީ، ކާބުލްގައި ހުންނަ ޝަހީދު ރައްބާނީ އެޑިއުކޭޝަން ޔުނިވަރސިޓީގެ ލެކްޗަރ ތިއޭޓަރުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

ބައްދަލުވުމުގައި ބައިވެރިވި ހުރިހާ އަންހެނުންވެސް ތިބީ މޫނު ބުރުގާ އަޅައިގެން އަދި ތާލިބާނުން އަފްޣާނިސްތާނަށް ތައާރަފްކުރި ހިފައިގެންނެވެ.

ތިއޭޓަރުގައި 300 ވަރަކަށް އަންހެނުން ތިބިއިރު، އެމީހުން ލައިގެން ތިބި ހެދުމަކީ އަފްޣާނިސްތާނުގެ ތައުލީމީ ދާއިރާއަށް އަލަށް ތައާރަފްކުރި ހެދުމެވެ.

ޖަލްސާގައި ބައިވެރިވި ގިނަ އަންހެނުން ކަޅު ހެދުމުގައި މޫނު ބުރުގާ އަޅައިގެން ތިބިއިރު، ބައެއް މީހުން އަޅާފައިތިބީ ނޫކުލައިގެ ބުރުގާއެވެ. ބައެއް މީހުންގެ މޫނު އެއްކޮށް ނިވާވާގޮތަށް ނިގާބު އަޅައިގެން ތިބިއިރު، ބައެއް އަންހެނުން މުޅި މޫނު ނިވާކޮށްފައެއް ނުވެއެވެ.

ގިނަ އަންހެނުންގެ ދެއަތްތިލަ ނުފެންނަ ގޮތަށް ކަޅު އަންގި ލައްވައިގެން ތިބި، ބައެއް އަންހެނުން ތިބީ އަންގި ނުލައްވައެވެ.

ތިއޭޓަރުގައި ވާހަކަ ދެއްކި އަންހެނުން ބުނެފައިވަނީ، ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި ގެންގުޅޭ ހަރުކަށި ސިޔާސާތުތަކާއި، ދެޖިންސުގެ ސިޔާސަތުތަކަށް އެމީހުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އެމީހުންވަނީ އަފްޣާނިސްތާނުގައި އަމަލުކުރަން ހުޅަނގުން ޑިމާންޑްކުރާ ސިޔާސަތުތަކާ ދެކޮޅު ހަދާފައެވެ.

ހަމަ އެއާއެކު، ހައްގު ހޯދުމަށް ކަމަށްބުނެ އަފްޣާނިސްތާނުގެ އަންހެނުންތަކެއް މަގުތަކަށް ނުކުމު މުޒާހަރާ ކުރާމީހުންގެ އަމަލުތައް ކުށްވެރިވެސް ކޮށްފައިވެއެވެ.

1996 އިން 2001 އަށް ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު، އަންހެނުންނާ މެދު ގެންގުޅެފައިވަނީ ވަރަށް ހަރުކަށި ސިޔާސަތުތަކެކެވެ.

ނަމަވެސް، މިފަހަރު އަފްޣާނިސްތާނު ހިފުމަށްފަހު ތާލިބާނުން ބުނަމުން ގޮސްފައިވަނީ، ކުރީގެ ވެރިކަމާ ތަފާތު، ލުއި ސިޔާސަތުތަކެއް ގެންގުޅޭނެ ކަމަށެވެ.

އެގޮތުން، ކްލާސްރޫމްތަކުގައި ފަރުދާ ޖަހައި، އަންހެނުންނާއި ފިރިހެނުން ވަކިން ބައިތިއްބާ ގޮތަށް ހެދުމުން، އަންހެނުންނަށް ޔުނިވަރސިޓީތަކަށް ކިޔަވަން ދިއުމުގެ ފުރުސަތު ދޭނޭ ކަމަށް ބުނެފައިވެއެވެ. އަދި ކިޔަވަންދާ އަންހެނުން ތިބެންޖެހޭނީ އަބާޔާލައި ނިގާބް އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ.