މުސްކުޅި ވެފައިވާ ކަމަށާއި މިހާރު ފުޓުބޯޅަކުޅުން ހުއްޓާލާ ރިޓަޔަރ ކުރަންވެއްޖެ ކަމަށް ބުނި މީހުންނަށް އުމުރުން 36 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުމަތިން ރައްދުދީފިއެވެ.

ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ދެލަނޑު ޖަހާ އޭނާއަށް ފާޑުކިޔާ މީހުންނަށް ފުރިހަމަ ރައްދެއް ދީފައެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ކުޅުނު މިމެޗުގައި ނިއުކާސަލްގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. މިއީ 12 އަހަރަށްފަހު އެނބުރި ޔުނައިޓެޑަށް ބަދަލުވުމަށްފަހު ރޮނާލްޑޯ އެޓީމުގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އިޓަލީގެ ޔުވެންޓަސް އިން ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވީ 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުން 12.8 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައެވެ.

ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވާން ނިންމުމާއެކު ބައެއް ފަރާތްތަކުން ދިޔައީ އޭނާ މިހާރު މުސްކުޅި ވެއްޖެ ކަމަށާއި މިއީ ފުޓުބޯޅަ ކުޅުން ހުއްޓާލަން ނުވަތަ ވާދަވެރި ނޫން ފުޓުބޯޅަ ލީގަކަށް ބަދަލުވާންވީ ކަމަށް ބުނެ ފާޑުކިޔާފައެވެ.

އެހެންނަމަވެސް މިމެޗުން ޔުނައިޓެޑް މޮޅުވުމުގައި ރޮނާލްޑޯ ބޮޑު ހިއްސާއެއް އަދާކޮށް އަދިވެސް އޭނާ އަކީ މި ކުޅިވަރުގެ މަތީއުޑުގައި ފިޔަޖަހާ ކުޅުންތެރިއެއްކަން މިވަނީ ސާބިތުކޮށްދީފައެވެ.

ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ އާދައިގެ ކުޅުމެކެވެ. އެހެންނަމަވެސް މިހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް މެޗުގައި ލީޑުނަގައިދީފައެވެ. މިލަނޑު ރޮނާލްޑޯ ޖެހީ ހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ 2 ވަނަ މިނެޓުގައެވެ.

އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ނިއުކާސަލް އިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސެއިންޓް މެކްސިމިން ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު ނިއުކާސަލް އަށް ކާމިޔާބު ކޮށްދިނީ ހަވިއަރ މެންކުއިލޯ އެވެ.

ދެވަނަ ލަނޑެއްޖަހާ މެޗުގައި ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑުނަގައިދިނީވެސް ރޮނާލްޑޯއެވެ. މިއީ ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ކެރިއަރުގައި އޭނާ ޔުނައިޓެޑުގެ ޖާޒީގައި ޖެހި 120 ވަނަ ލަނޑެވެ. އަދި ޕްރިމިއަރ ލީގުގައި އޭނާ ޔުނައިޓެޑަށް ޖަހައިދިން 86 ވަނަ ލަނޑެވެ.

މެޗުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ ރޮނާލްޑޯ އާއިއެކު ޕޯޗުގަލްގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރޫނޯ ފެރްނާންޑޭޒް އެވެ. މިއީ ޕައުލް ޕޮގްބާ ދިން ޕާހަކުން އޭރިއާގެ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ބްރޫނޯ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

ލަނޑަށްފަހު ރޮނާލްޑޯ އާއި ބްރޫނޯ އުފާ ފާޅުކުރަނީ- ފޮޓޯ:- ގެޓީ އިމޭޖަސް

ޔުނައިޓެޑުން މެޗުގައި ޖެހި ފަހު ލަނޑު މެޗުގެ އެންމެފަހު ސިކުންތުކޮޅުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖެސޭ ލިންގާޑް އެވެ.

މިއީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން މިހާތަނަށް ކުޅެފައިވާ 4 މެޗުގެ ތެރެއިން މޮޅުވި 3 ވަނަ މެޗެވެ. އަނެއް މެޗުން ޔުނައިޓެޑް އެއްވަރުވީ ސައުތެމްޕްޓަން އަތުންނެވެ.

ޔުނައިޓެޑުން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔަންގް ބޯއިސް އާއި ދެކޮޅަށެވެ.