އޭޝިއަން ކަޕުގެ ކޮލިފައިންގ މެޗުތަކަށް ޓީމު އެކުލަވާލުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން ޅ. އަތޮޅުގައި ކުރަމުންދާ ޓްރެއިނިންގް ކޭމްޕުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ކޭމްޕުގައި އެންމެފަހުން ޒުވާން ޓީމު ކުޅުނީ ޅ. ކުރެންދޫ އާއި ދެކޮޅަށެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުރެންދޫ ޓާފް ދަނޑުގައި ކުޅުނު މެޗު ޒުވާން ޓީމުން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގައުމީ ޓީމުން ޖެހި ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޔާމީން (ޔާން) އާއި، ނޫހް ތައުމީނާއި، މުޙައްމަދު ޖައިލަމް (އޮގީ) އާއި، ޒަޔާން ނަސީރު އަދި މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ޝަމާލެވެ. މި ކޭމްޕުގައި ޔާން ވަނީ ހިންނަވަރާ ދެކޮޅަށް ކުޅުނު މެޗު ނޫން އެހެން ހުރިހާ މެޗެއްގައި ލަނޑު ޖަހާފައެވެ.

ކޭމްޕުގައި ކުޅުނު 6 މެޗުންވެސް ޒުވާން ޓީމު ބަލިވެފައި ނުވާއިރު، ފުރަތަމަ ކުޅެފައިވަނީ ނަައިފަރު ޓީމާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ނ. ހޮޅުދޫ އާއި ދެކޮޅަށް ގައުމީ ޓީމުން ކުޅުނުއިރު މި ދެމެޗުވެސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ނ. ކުޑަފަރި އާއި ދެކޮޅަށްކުޅެ ޒުވާން ޓީމުން ވަނީ 3-8 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި 4 ވަނަ މެޗުގައި މީދޫ އަތުން 0-7 ގެ ނަތީޖާއަކުން ޒުވާން ޓީމު ވަނީ މޮޅުވެފައެވެ.

ޒުވާން ޓީމު ކޭމްޕު ނިންމާލާ މާލެ އައުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ތާވަލުކޮށްފައިވާ އޭޝިއަން ކަޕުގެ ކޮލިފައިންގ މެޗުތަކަށް ޒުވާން ޓީމުން ތައްޔާރީތައް ފަށާފައިވާއިރު މީގެކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް އަލީ ސުޒެއިން ވިދާޅުވީ ކޭމްޕުގެ ތެރެއިން ކުޅޭ މެޗުތަކުން ރަނގަޅު ކުޅުންތެރިންތަކެއް ފާހަގަވެއްޖެނަމަ އެކުޅުންތެރިންނަށްވެސް ޒުވާން ޓީމުން ފުރުސަތު ދޭނެކަމަށެވެ.

ހެޑް ކޯޗެއްގެ ގޮތުގައި ސުޒޭން ހަރަކާތްތެރިވީނަމަވެސް ކޭމްޕުގައި ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާނީ އެސިސްޓަންޓް ކޯޗުން ކަމުގައިވާ ސޮބާހު މުހައްމަދު އިބްރާއިމް (ސޮބާ) އާއި މުހައްމަދު ޝާހިދު (ޝާޑު) އެވެ. އެއީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސީނިއަރ ގައުމުގީ ޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައި އެފްއޭއެމް އިން ސުޒެއިން ހަމަޖައްސާފައިވާތީއެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.