މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަނުގެ ޕްރިމިއަރ ލީގުގައި އާސެނަލް އިން ފުރަތަމަ ފަހަރަށް ލަނޑެއްޖެހި މެޗުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި ސީޒަން ފެށިފަހުން ލީގުގައި މި މެޗާއި ހަމައަށް އާސެނަލް މެޗަކުން މޮޅުވެފައި ނުވާއިރު ލަނޑެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހުގެރޭ އެޓީމުން ވަނީ ނޯވިޗް ސިޓީގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލް އިން ޖެހީ މެޗުގެ ދެވަނަ ހާފުގައެވެ. މިއީ ޕެޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން ތަޖުރިބާކާރު ފޯވާޑް އޮބަމަޔަންގ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މެޗުން އާސެނަލް މޮޅުވެ ތިން ޕޮއިންޓު ހޯދާފައިވާއިރު މިހާތަނަށް ލީގުގައި އާސެނަލް އިން ވަނީ 4 މެޗު ކުޅެފައެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އާސެނަލް ބަލިވީ މި ސީޒަނުގައި އަލަށް ޕްރިމިއަރ ލީގަށް ޕްރޮމޯޓުވި ބްރެންޓްފޯޑުގެ އަތުން 0-2 ގެ ނަތީޖާއަކުންނެވެ.

ހަތަރު މެޗުން ތިން ޕޮއިންޓާއެކު އާސެނަލް ޕޮއިންޓު ތާވަލުގެ 16 ވަނައިގައި އޮތްއިރު ބައިކޮޅަށް 9 ލަނޑު ވަދެފައިވެއެވެ.

އާސެނަލް އިން ދެން މެޗެއް ކުޅޭނީ ޕްރިމިއަރ ލީގުގައި މިމަހުގެ 18 ވަނަ ދުވަހު ބާންލީ އާއި ދެކޮޅަށެވެ.

ޓޮޓެންހަމް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން އާދިއްތަ ދުވަހުގެރޭ ވަރުގަދަ ޓޮޓެންހަމްވެސް ވަނީ ކްރިސްޓަލް ޕެލަސް އަތުން ބަލިވެފައެވެ.

ސެލްހާސްޓް ޕާކުގައި ކުޅުނު މިމެޗުން ޓޮޓެންހަމް ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.

ފުޓުބޯޅައިގެ ގިނަ ތަރިންތަކެއް އެކުލެވޭ ޓޮޓެންހަމްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ކްރިސްޓަލް ޕެލަސް އިން ޖަހާފައިވަނީ މެޗުގެ ފަހު 15 ވަރަކަށް މިނެޓުގެ ތެރޭގައެވެ.

މުޅި މެޗުގައިވެސް ޓޮޓެންހަމް އަށް އެންމެ 2 ހަމަލާ އުފެއްދިފައިވާއިރު ބަދަލުގައި ޕެލަސް އިންވަނީ ޖުމްލަ 18 ހަމަލާއެއް އުފައްދާފައެވެ. މެޗުގެ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓު ކުރީވެސް ޕެލަސް އިންނެވެ.

އެގޮތުން ލިބުނު ޕެނަލްޓީއަކުން 76 ވަނަ މިނެޓުގައި ޕެލަސް އަށް މެޗުގައި ލީޑުނަގައިދިނީ ވިލްފްރެޑް ޒަހާ އެވެ. މިއީ އޭރިއާ ތެރެއިން ޓޮޓެންހަމްގެ ޑޭވީސް އަތުގައި ބޯޅަ ޖެހުމުން ޕެލަސް އަށް ލިބުނު ޕެނަލްޓީއެކެވެ.

އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު 84 ވަނަ މިނެޓުގައި އޮޑްސޮން އެޑުއާޑް ކާމިޔާބު ކޮށްދިން އިރު ތިންވަނަ ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ 2 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް އޭނާއެވެ.

މެޗުން ޓޮޓެންހަމް ބަލިވިއިރު ދެން އެޓީމުން މެޗެއް ކުޅޭނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެމެޗުގައި ޓޮޓެންހަމް އާއި ދެކޮޅަށް ނުކުންނާނީ ޔޫރަޕުގެ ޗެމްޕިއަން އަދި މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީ އެވެ.