ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލީގު ޗެމްޕިއަން މެންޗަސްޓަރ ސިޓީން ލެސްޓާ ސިޓީގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މިމެޗުން ސިޓީ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ސިޓީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. މުޅި މެޗުގެ 61 އިންސައްތަ ޕޮޒެޝަން ސިޓީން ޑޮމިނޭޓު ކުރިއިރު މެޗުގައި އެޓީމުން 25 ހަމަލާއެއް ވަނީ އުފައްދާފައެވެ. އެހެންނަމަވެސް މީގެއިން ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވިފައިވަނީ އެންމެ 8 ހަމަލާއެކެވެ.

މީގެއިތުރުން މެޗުގައި ދެޓީމުގެ ކީޕަރުންގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ދެޓީމުންވެސް އުދައްދަމުންދިޔަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށް ވެގެންދަނީ ސިޓީގެ ކީޕަރު އެޑާސަން އާއި ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކެލް އެވެ.

އެގޮތުން ލެސްޓާގެ ހާވީ ބާންސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެޑާސަން ހުއްޓުވިއިރު ޝްމައިކެލް ވަނީ ގެބްރިއެލް ޖިސޫސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުއްޓުވާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މިއީ މެޗުގެ 62 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ޖަހައިދިން ލަނޑެކެވެ.

މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް ސިޓީން 4 މެޗު ކުޅެފައިވާއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ. އެއީ ލީގުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅެ 0-1 އިން ބަލިވި މެޗުގައި ވަން ލަނޑެވެ. އޭގެފަހުން ސިޓީން މިމެޗާއި ހަމައަސް އިތުރު ދެމެޗު ކުޅެފައިވާއިރު ދެމެޗުން 10 ލަނޑު އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ ނޯވިޗް ސިޓީ އާއި ދެކޮޅަށް ޖެހި 5 ލަނޑާއި އާސެނަލް ކޮޅަށް ޖެހި 5 ލަނޑެވެ.

މި ސީޒަނުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑުގައިވެސް ކުރިމަތިލާފައިވަނީ ސިޓީ އާއި ލެސްޓާ އެވެ. އެމެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޝީލްޑު އުފުލާލީ ލެސްޓާ އެވެ.

ސިޓީން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 16 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އާރްބީ ލައިޕްޒިގާއި ދެކޮޅަށެވެ.