ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީން އެކުލަބުގެ ދެ ތަރިން ކަމުގައިވާ ލިއޮނެލް މެސީ އާއި ނޭމާ ނެތިވެސް ކްލާމޮންޓް ފުޓްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން ކުޅުނު މިމެޗުގައި އެޓީމުގެ މުހިންމު މި ދެ ކުޅުންތެރިން ނުކުޅުނީ ބައިނަލްއަގްވާމީ ބްރޭކަށްފަހު އެނބުރި އައުން ލަސްވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ދެން ޕީއެސްޖީން ކުޅޭ މެޗެއްގައި މި ދެކުޅުންތެރިން ފެންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މެޗު ބަލަން މެސީ ގޮނޑި ބަރީގައި- ފޮޓޯ:- ގެޓީ އިމޭޖަސް

މި ދެކުޅުންތެރިންގެ އިތުރުން އެޓީމުގެ އެހެން ބައެއް މުހިންމު ކުޅުންތެރިންވެސް މެޗުގައި ކުޅެފައެއް ނުވެއެވެ. އެގޮތުން އިތުބާރު ފޯވާޑް އެންހެލް ޑި މަރިއާ އާއި މާކޯ ވެރާޓީވެސް މެޗުގައި ބައިވެރިވެފައެއް ނުވެއެވެ. އެހެންނަމަވެސް މި މެޗުގައި އެޓީމުގެ ގޯލު ބެލެހެއްޓީ މި ފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައި ޓީމާއި ގުޅުނު ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ އެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންޑާ ހެރޭރާއެވެ. އަދި އޭގެ 11 މިނެޓުފަހުން ހެރޭރާ ވަނީ އިތުރު ލަނޑެއް ޖަހާ ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދީފައެވެ.

ޕީއެސްޖީގެ 3 ވަނަ ލަނޑު ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒުވާން ތަރި ކިލިއަން އެމްބާޕޭ އެވެ. މިއީ ޑްރެކްސްލާ ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ 10 މިނެޓުފަހުން އިދްރީސާ ގުއޭ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މިހާތަނަށް ޕީއެސްޖީން ލީގުގައި ފަސް މެޗު ކުޅެފައިވާއިރު މި ފަސް މެޗުވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. ފަސް މެޗުން 15 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ދެން މެޗެއް ކުޅޭނީ މިމަހުގެ 16 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކްލަބް ބްރޫޖް އާއި ދެކޮޅަށެވެ.