ޕްރިމިއަރ ލީގުގެ ތާރީހުގައި ޗެލްސީން އެކުލަބުގެ 600 ވަނަ މޮޅު ހޯދައިފިއެވެ.

މި ތާރީހީ މޮޅު ޗެލްސީން ހޯދީ ހޮނިހިރު ދުވަހުގެރޭ އޭސްޓަން ވިލާގެ މައްޗަށް ކުރިހޯދައިގެންނެވެ. ޗެލްސީގެ އިތުރުން ދެން 600 އަށްވުރެ ގިނަ މެޗު ލީގުގައި ކާމިޔާބު ކޮށްފައިވާ އަނެއް ޓީމަކީ މެންޗަސްޓަރ ޔުނައިޓެޑެވެ. އެޓީމުން ވަނީ ލީގުގެ ތާރީހުގައި 690 މެޗުން މޮޅުވެފައެވެ.

މީގެއިތުރުން މެޗުން ޗެލްސީ މޮޅުވުމުގައި މުހިންމު ދައުރެއް އަދާކުރި ރޮމެލޫ ލުކާކޫ ވަނީ ތާރީހުގައިވެސް ޗެލްސީގެ ޖާޒީގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެކުރިންވެސް ލުކާކޫ ޗެލްސީ އާއިއެކު ދިގު މުއްދަތެެއް ހޭދަކޮށްފައިވާއިރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް އެނބުރި އައިސް ލުކާކޫ މިވަނީ ދެލަނޑު ޖަހައިދީ މެޗުން ޗެލްސީ މޮޅު ކޮށްދީފައެވެ.

ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

އަމިއްލަ ދަނޑު، ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުން ޗެލްސީ މޮޅުވީ ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ލަނޑެއް ޖަހާ ލީޑުނެގިއިރު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުކާކޫ އެވެ.

ގިނަވަގުތު ބޯޅަ ހިފަހައްޓާ ޗެލްސީން މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 4 ވަނަ މިނެޓުގެ ތެރޭގައެވެ. ލުކާކޫގެ ހިއްސާ ބޮޑު މިލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ މަޓިއޯ ކޮވިސިޗް އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ލުކާކޫ ކާމިޔާބުކުރިއިރު އޭނާ މިލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ 3 ވަނަ މިނެޓުގައެވެ.

މިހާތަނަށް ޗެލްސީން މި ސީޒަނުގެ ޕްރިމިއަރ ލީގުގައި 4 މެޗު ކުޅެފައިވާއިރު 3 މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. އަނެއް މެޗުން އެއްވަރުވެފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

ޗެލްސީން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 15 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޒެނިޓް އާއި ދެކޮޅަށެވެ. ޗެލްސީ އަކީ ފާއިތުވީ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުލަބެވެ.