ވިސާގެ ކަންކަން ހަމަޖެހުމުން ޓިއުނީޝިއާގައި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.

މީގެކުރިން ވިސާގެ ކަންކަން ހަމަނުޖެހި ދީމާއަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ހީވެފައި އޮތްނަމަވެސް މިހާރު އެކަން ހަމަޖެހިފައިވާން ވަނީ ކަށަވަރުވެފައެވެ.

ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސްގެ ދަށުން މި އަހަރު ބާއްވާ ތިން މުބާރާތެއްގައި ދީމާ ވާދަކުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެއީ ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތާއި، ޕޯޗުގަލުގެ ވެރިރަށް ލިޒްބަނުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގެ އިތުރުން އޮމާނުގެ ވެރިރަށް މަސްކެޓުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައެވެ.

އޭގެ ތެރެއިން ޓިއުނީޝިއާ މުބާރާތާއި ޕޯޗުގަލް މުބާރާތް އޮންނާނީ މި މަހުއެވެ. އެގޮތުން ޓިއުނީޝިއާ މުބާރާތް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާއިރު، ޕޯޗުގަލް މުބާރާތް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕަށްފަހު އޮމާން މުބާރާތް އޮންނާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓިއުނީޝިއާ މުބާރާތުގައި ދީމާއަށް ވާދަކުރެވޭނެކަން ކަށަވަރުވެފައި ވީނަމަވެސް ޕޯޗުގަލްގައި އޮތް މުބާރާތުގައި ދީމާއަށް ވާދަކުރުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ބިރު އެބައޮތެވެ. ސަބަބަކީ އެ މުބާރާތަށް ވިސާގެ ކަންކަން މިހާތަނަށްވެސް ހަމަޖެހިފައި ނުވާތީއެވެ.

އެހެންނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުގެ ވިސްނުން މިހާރު ހުރީ، ޓިއުނީޝިއާ އަށް ގޮސް އެގައުމުގެ އެމްބަސީ މެދުވެރިކޮށް ޕޯޗުގަލުގެ ވިސާގެ ކަންކަން ހަމަޖެއްސުމަށެވެ. އެހެންކަމުން އަދިވެސް އެމުބާރާތުގައި ދީމާއަށް ވާދަކުރެވޭނެ ކަމުގެ އުންމީދެއް އެބައޮތެވެ.

ދުނިޔޭގެ ރޭންކިންގައި ހޯދާފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ދީމާ ބައިނަލްއަގްވާމީ މުބާރާތްތަކެއްގައި ވާދަކުރަން ހަމަޖެހިފައިވާއިރު މި އަހަރުގެ އޭޕްރީލް މަހު އައިޓީޓީއެފްއިން ހާމަކުރި ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެހެންނަމވެސް މިހާރު ދީމާ ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފައެވެ.

މި އަހަރު ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސްގެ ތިން މުބާރާތެއްގައި ދީމާ ބައިވެރިކުރަން މަސައްކަތްކުރަމުން އަންނައިރު، މި މުބާރާތްތަކުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ ކެޓެގެރީގައެވެ.

ޓީޓީގައި ދީމާގެ ވިދުން ގަދަވެފައިވާއިރު، ދީމާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު، މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭގެ ފަހުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރަންވަނަތަކެއް ދީމާ ހާސިލްކޮށްފައިވެއެވެ.

އެގޮތުން ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި، އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ދީމާ މީގެ ކުރިން ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި މިލްކުކުރުމުގެ ފުރުސަތު އުމުރުން 12 އަހަރުގައި ދީމާ ހޯދިއެވެ.