ޖަރުމަނު ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެރޭ ޒުވާން ތަރި އާލިންގ ބްރައުޓް ހާލަންޑް ދެއްކި މޮޅު ކުޅުމާއެކު ބޮރޫޝިއާ ޑޯޓްމަންޑުން ބަޔާ ލެވަކޫސަންގެ މައްޗަށް ކުރިހޯދައިފިއެވެ.

ލެވަކޫސަންގެ ދަނޑުގައި ކުޅުނު މިމެޗު ޑޯޓްމަންޑުން ކާމިޔާބުކުރީ 3-4 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔައިރު މުޅި މެޗުވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކޮށެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ލެވަކޫސަން އިންނެވެ.

ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްސް ލެވަކޫސަން އަށް ލީޑު ނަގާދިންއިރު 37 ވަނަ މިނެޓުގައި ހާލަންޑް ވަނީ ޑޯޓްމަންޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އެހެންނަމަވެސް މިހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި އިތުބާރު ފޯވާޑް ޕެޓްރިކް ޝިކް ކާމިޔާބު ކޮށްދިން ލަނޑުން ލެވަކޫސަން ހާފް ނިންމާލީ ލީޑުގައި އޮވެއެވެ.

ދެވަނަ ހާފު ފަށައުފެބް 4 މިނެޓުގެ ތެރޭގައި އަނެއްކާވެސް ޑޯޓްމަންޑުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެހެންނަމަވެސް އޭގެ 6 މިނެޓުފަހުން މޫސާ ޑިއާބީ 3 ވަނަ ފަހަރަށް ލެވަކޫސަން އަށް ލީޑުނަގައިދިން އިރު، މިފަހަރުވެސް މި ލީޑުގައި މާގިނައިރުތަކެއް އެޓީމަކަށް ނޯވެވުނެވެ.

އެގޮތުން 71 ވަނަ މިނެޓުގައި ރަފައެލް ގުއެރެއިރޯ އަނެއްކާވެސް ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު މެޗުން އެޓީމު މޮޅުކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހާލަންޑެވެ.

މިހާތަނަށް ބުންޑަސްލީގާގައި ޑޯޓްމަންޑުން 4 މެޗު ކުޅެފައިވާއިރު ތިން މެޗުން މޮޅުވެފައިވެއެވެ. އަނެއް މެޗުންވީ ބައްޔެވެ. ދެން އެންމެ އަވަހަށް ޑޯޓްމަންޑް މެޗެއް ކުޅޭނީ މިމަހުގެ 15 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބެސިކްޓަސް އާއި ދެކޮޅަށެވެ.

ބަޔާންގެ ފުރަތަމަ ލަނޑަށްފަހު ލެވަންޑޮސްކީ އުފާ ފާޅުކުރަނީ- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ހޮނިހިރު ދުވަހުގެރޭ ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިއުނިކުން ވަނީ އާރްބީ ލައިޕްޒިގުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފައެވެ.

ލައިޕްޒިގުގެ ދަނޑުގައި ކުޅުނު މިމެޗު ބަޔާން އިން ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބަޔާން އިން ލީޑުނަގާފައިވާއިރު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެންނުދާއިރު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ.

އަދި އޭގެ 7 މިނެޓުފަހުން ލެރޯއި ސާނެ ވަނީ ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ބަޔާން އިން މެޗުގައި ޖެހި ފަހުލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ކާމިޔާބ ުކޮށްދިނީ އެރިކް މެކްސިމް ޗުޕޮމޮޓިންގ އެވެ. މެޗުގައި ލައިޕްޒިގުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޮންރަޑް ލައިމާ އެވެ.

ބަޔާން އިންވެސް މިސީޒަނުގައި ލީގުގައި ޖުމްލަ 4 މެޗު ކުޅެފައިވާއިރު 3 މެޗުން މޮޅުވެފައިވެއެވެ. އަނެއް މެޗުން ބަޔާންވީ އެއްވަރެވެ. އެޓީމުން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިމަހުގެ 15 ވަނަ ދުވަހު ސްޕެއިންގެ ގަދަބާރު ބާސެލޯނާ އާއި ދެކޮޅަށެވެ.