އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ފަށާ ސަރަހައްދީ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކޮށް ފަރިތަކުރުންތައް ފަށައިފިއެވެ.

ގައުމީ ޓީމުން ކޭމްޕު ކުރުމަށް ގަތަރަށް ފުރާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ގަތަރަށް ދިއުމަށްފަހު ޓީމުގެ ހުރިހާ މެމްބަރުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަން ހާމަކުރައްވާފައެވެ.

ގައުމީ ޓީމުން ގަތަރުގެ ވެރިރަށް ދޯހާގައި ތަމްރީނުތައް ފަށާފައިވާއިރު، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާއި ހަވާލުވި ތަޖުރިބާކާރު ކޯޗް އަލީ ސުޒެއިން މި ކޭމްޕުގައި އަދި ބައިވެރިއެއް ނުވެއެވެ.

ސުޒެއިން މި ދަތުރުގައި ބައިވެރިނުވީ ކޮވިޑުގެ ލުއި އަލާމާތްތަކެއް ފެނުމުން ފާއިތުވީ ހަފްތާގެ ބުދަ ދުވަހު ހެދި ޓެސްޓުން އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެހެންކަމުން ސުޒެއިން ދެން ކޭމްޕުގައި ބައިވެރިވާނީ އައިސޮލޭޝަންގެ މުއްދަތު ފުރިހަމަކޮށް، ރިލީޒް ސާމަޕަލް ނެގުމަށްފަހު ނަތީޖާ ނެގެޓިވްވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޒެއިން އެނބުރި އަންނަންދެން ގައުމީ ޓީމު ލީޑުކުރުމުގެ ޒިންމާ އާއި ހަވާލުވާނީ އެސިސްޓަންޓް ކޯޗް އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. އިންމަ އަށް އެހީތެރިވުމުގައި އެސިސްޓަންޓް ކޯޗް އަދި ގޯލް ކީޕަރު ޓްރެއިނަރ އިމްރާން މުހައްމަދު އާއި ގޯލް ކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުން އޮގަސްޓު މަހުގެ ފަހުކޮޅު ފަރިތަކުރުންތައް ފަށާފައިވާއިރު މިފަހަރުގެ މުބާރާތާއި ރާއްޖެ ކުރިމަތިލާނީ 100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންނާއެކުއެވެ.

30 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކޮށްފައިވާއިރު ކޭމްޕު ނިންމާލުމަށްފަހު ޓީމު އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ތާވަލުކޮށްފައިވާއިރު މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ 5 ޓީމެކެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝް އާއި ސްރީ ލަންކާއެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެގައުމުގައި ކޮވިޑުގެ ހާލަތު އޮތްގޮތުންނެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރިނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގެ ސަބަބުންނެވެ.

މުބާރާތް ފަށާމެޗުގައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ނުކުންނާނީ ރާއްޖެ އާއި ނޭޕާލް އެވެ.