ބ. ދަރަވަންދޫގައި މިމަހުގެ ދެވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހޭންޑްބޯލް ކޯޗިންގ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ރަށު ކައުންސިލުން އިސްނަގައިގެން ހޭންޑްބޯލް އެސޯސިއޭޝަނާއި ޔޫތް މިނިސްޓްރީ އާއި ގުޅިގެން ހިންގި މި ކޯސް ފެށީ 33 ބައިވެރިންނާއެކުއެވެ. އެހެންނަމަވެސް ވަގުތު ދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން 3 ބައިވެރިއަކު ވަނީ ކޯހުން ވަކިވެފައެވެ.

ދެޖިންސުގެ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައިގެން ރަށު ކައުންސިލުން މި ކޯސް އިއުލާނުކުރިއިރު ސްކޫލް ނިންމާފައިވާ ކޮންމެ މީހަކަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އޮތެވެ.

ދަރަވަންދޫގައި ކުރިއަށްދާ ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހުގެ ތެރެއިން- ފޮޓޯ:- ހުޝާމިން / ދަރަވަންދޫ ކައުންސިލް

30 ބައިވެރިންނާއެކު ކޯސް ކުރިއަށް ދިޔައިރު، ކޯހުގެ ތިއަރީ ޓެސްޓު ހަދާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އަދި 7 ވަނަ ދުވަހު ކޯހުގެ އަމަލީ ޓެސްޓު ނިންމާފައިވާއިރު ދަރަވަންދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ކޯހުގައި ބައިވެރިވި މީހުންގެ 76.6 އިންސައްތަ މީހުން ވަނީ ކޯހުން ފާސްވެ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

ވީނިއުސް އާއި ވާހަކަދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ މެމްބަރު ފަރަހަ އާދަމް ވިދާޅުވީ ކޯސް ނިންމާލެވުނީ އުންމީދު ކުރި ވަރަށްވުރެ ކާމިޔާބުކޮށް ކަމަށާއި ކޯހުގެ އިންސްޓްރަކްޓަރުންނާއިމެދު ކައުންސިލުންވެސް އަދި ކޯހުގެ ބައިވެރިންވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މީގެއިތުރުން ފަރަހަ ވިދާޅުވީ މި ކޯހުގެ އިންްސްޓްރަކްޓަރުންގެ ގޮތުގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަނީ ގައުމީ އަންހެން ހޭންޑް ބޯލް ޓީމުގެ ކޯޗު ކަމަށާއި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހޭންޑްބޯލް ރެފްރީއެއްވެސް ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ކޯސް ކުރިއަށްދާގޮތް މޮނިޓަރ ކުރުމަށްޓަކައި ކުޅިވަރާބެހޭ ވުޒާރާއިންވެސް ބޭފުޅަކު ރަށުގައި ހުންނަވާކަން ފަރަހަ ފާހަގަކުރެއްވިއެވެ.

"30 ކުދިންގެ ތެރެއިން އެންމެ 7 ކުދިން ފާސް ނުވަނީ. އެހެންވީމަ ކޯސް ނިންމާލެވުނީ ވަރަށް ކާމިޔާބުކޮށް ކަމަށް ދެކެން. އަދި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ތިބި ފަރާތްތަކާމެދު ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑަށް ހީވަނީ އަދި އަލަށް ކަންނޭނގެ ރަށެއްގަ ބާއްވާ މިކަހަލަ ކޯހެއްގައި ގައުމީ އަންހެން ޓީމުގެ ކޯޗާއި ހޭންޑްބޯލް ސާޓިފައިޑް ރެފްރީއަކު ކިޔަވާދޭ ގޮތަށް ކުރިއަށް މި ގެންދިޔައީ".
ދަރަވަންދޫ ކައުންސިލް މެމްބަރު ފަރަހަ އާދަމް

ކުޅިވަރަށް އަހުލުވެރި ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ދަރަވަންދޫ އަކީ ކައުންސިލުން އިސްނަގައިން ރަށުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގާ ރަށެކެވެ. އެގޮތުން އޮގަސްޓު މަހުގެ ތެރޭގައި ކައުންސިލުން 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދަރަވަންދޫ ފުޓްސަލް މުބާރާތް ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހުގެ ތެރެއިން- ފޮޓޯ:- ހުޝާމިން / ދަރަވަންދޫ ކައުންސިލް

އަދި ކައުންސިލްގެ ފަރާތުން ރަށުގައި ހިންގާ އެކި ހަރަކާތްތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ކައުންސިލުން އުފަލާއެކު ފާހަގަކުރެއެވެ.