ޕޮލިސް ކުލަބުގެ ޖޫނިއަރ ވޮލީ ޓީމުގެ މައްޗަށް އއ. ބޮޑުފޮޅުދޫ ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ސްޕޯޓްސް ކްލަބް (އާރު.ބީ.ޖީ.އެސް.ސީ)ގެ ވޮލީ ޓީމުން ކުރިހޯދައިފިއެވެ.

ބޮޑުފޮޅުދޫ ވޮލީ ކޯޓުގައި ކުޅުނު އެކުވެރިކަމުގެ މި މެޗު އާރްބީޖީން ކާމިޔާބު ކޮށްފައިވަނީ 2 ސެޓު 3 ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު 25-17 އިން ކާމިޔާބުކުރީ އާރްބީޖީއެވެ. ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ޕޮލިސް ޓީމުން ވަނީ 25-22 އިން ސެޓު ކާމިޔާބު ކޮށްފައެވެ. އެހެންނަމަވެސް އަނެއްކާވެސް ތިންވަނަ ސެޓުގައި އާރްބީޖީން ވަރުގަދަ ފައިޓަކަށްފަހު 20-25 އިން މި ސެޓު ކާމިޔާބުކުރިއިރު ހަތަރުވަނަ ސެޓު ގެންދިޔައީ ޕޮލިސް ޓީމުންނެވެ.

4 ސެޓު ކުޅުނުއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޓައި ބްރޭކް ސެޓެއް ކުޅުނުއިރު މި ސެޓު 10-15 އިން ކާމިޔާބު ކުރީ އާރްބީޖީއެވެ.

މެޗުގައި އެންމެ ތަފާތު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ އާރްބީޖީގެ ޖާޒީ ނަމްބަރު 11، ހަސަން ނާފިއު އެވެ.

އާރްބީޖީގެ ރައީސް އިބްރާހިމް ނަސީމްގެ ދައުވަތަކަށް އއ. އަތޮޅު ކޮމާންޑަރުގެ އެހީތެރިކަމާއެކު ހަމަޖެހުނު މި މިމެޗަށްފަހު ޕޮލިސް ޓީމުގެ ފަރާތުން ވަނީ ކުޅިވަރު ކުޅޭ ބައެއް އާލަތްތައް ހަދިޔާކޮށްފައެވެ. އާރްބީޖީގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ކުލަބު ރައީސް ނަސީމް އާއި ނައިބު ރައީސް އަދި ވޮލީ ޓީމުގެ ކެޕްޓަން ހަސަން ނާފިއު (ނާއްޕެ) އެވެ.

އާރްބީޖީ އަކީ ބޮޑުފޮޅުދޫގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގާ، ރަށު ރައްޔިތުން އެއްބައިވަންތަ ކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކުލަބު ޖަމިއްޔާއެކެވެ. މީގެކުރިން އާރްބީޖީން ބޭއްވި އެ ކުލަބުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވަނީ ކުލަބުން ހިންގާ ހަރަކާތްތަކަށް ފާހަގަކޮށް، ރަށުގައި އެންމެ ހިންގުންތެރި ކުލަބަކީ އާރްބީޖީކަން ފާހަގަކޮށްފައެވެ.