ޓްރެވެލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ފެއަރގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓީޓީއެމް މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރއެވެ.

މިދިޔަ އަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ.

ނަމަވެސް މިއަހަރު މި ފެއަރ ފިޒިކަލްކޮށްވެސް އަދި އޮންލައިންކޮށްވެސް ކުރިއަށްދާނެ ކަމަށް މި އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 28 އިން 30 އަށެވެ.

ޓީޓީއެމް މޯލްޑިވްސްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. ރަޖިސްޓްރީކުރެވޭނީ connect.traveltrademaldives.com މެދުވެރިކޮށް ކަމަށެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ.

އޭގެތެރޭގައި ސަޕްލަޔަރުންނާއި، ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

މީގެއިތުރުން މި ފެއަރގެ ދަށުން ގާލާ ނައިޓެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. ގާލާ ނައިޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ 30 ނޮވެމްބަރެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.

މިއަހަރު ކުރިއަށް ގެންދާ ޓީޓީއެމް ހަރަކާތަކީ މީގެ 5 ވަނަ ހަރަކާތެވެ.